ކުރިއަށް އޮތް ރިޔާސީ އިންތިހާބްގެ ކެމްޕޭން އޮނިގަނޑު ރޭވުމުގެ މައްސަކަތް ކުރިއަށްދާ ކަމަށް އެމްޑީޕީގެ ޗެއާޕާޝަންގެ ނައިބް އިދާރީ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމުމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ އެޕާޓީން ފާސްކުރި ގަރާރުގައިވާ ކަންކަން ފުރިހަމަވުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެކުގައި ރިޔާސީ އިންތިހާބްގައި މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި އެޕާޓީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
"އެއީ މި ވަގުތު ވަރަށް ގިނަ ރައްޔިތުން ބޭނުންވާ ގޮތް، އެންމެން އެކުގައި އެއް ކެންޑިޑޭޓަކު ނެރެގެން ރައީސް ޔާމީން ބަލިކުރަން" އަލީ ނިޔާޒު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީން ނިންމާފައިވާ ގޮތަކީ ޕާޓީތަކުން އެއްބަސްވެވޭ އުސޫލެއްގެ ދަށުން އެޕާޓީތަކުގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން އެއް ކެންޑިޑޭޓް ކަނޑައެޅުމަށެވެ.
އެމްޑީޕީން އެގޮތަށް ނިންމި ޤަރާރުގައި ބުނެފައިވަނީ އެގޮތަށް ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫންތަކާ ޚިލާފަށް ކުރަމުންދާ ކަންކަމާއި ނުހައްޤުން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް ނާއިންސާފުން ބޮޑެތި އަދަބުތައް ދިނުމާއި ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އިތުރުވުން ފަދަ ކަންކަން ހިމެނޭތީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް ކަމަށެވެ. އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެގޮތަށް ނިންމާފައެވެ.
އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީގެ ކެމްޕޭން ކޮމެޓީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަތީ ކެމްޕޭންގެ އޮނިގަނޑު ރޭވުމުގެ މަސައްކަތް ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އަދި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އަލި ނިޔާޒު ވިދާޅުވިއެވެ.
"ކެމްޕޭން ކޮމެޓީގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދޭ، ކެމްޕޭން އޮނިގަނޑު ރޭވުމުމާއި، ރިޔާސީ އިންތިހާބްގައި ވޯޓްލާނެ މީހުންގެ ލިސްޓް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް" ނިޔާޒު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެދުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދު ދަނީ މަޝްވަރާ ކުރަމުންނެވެ.