ޒިމްބާބުވޭގެ ސިފައިން އެ ޤައުމުގެ ހިންގުމާއި ހަވާލުވެ، އަޅަން ފެށި ފިޔަވަޅުތަކަށް ފަހު، އެ ޤައުމުގެ ރައީސް، ރޮބަރޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޤައުމު ދޫކުރައްވައި ފިއްލަވައިގެން އަވަށްޓެރި ނެމީބިއާއަށް ވަޑައިގެންފިއެވެ.
ޤައުމު ދޫކުރައްވައި ގްރޭސް ފިއްލެވި ގޮތެއް އަދި ކަށަވަރު ނުވާއިރު، އެކަމަނާ ފިއްލެވިއިރު ފިރިކަލުން މުގާބޭ ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުން ގެކޮޅުގައި ބަންދުކޮށްފައެވެ.
ޒިންބާބުވޭގެ އިދިކޮޅު މައި ޕާޓީ، މޫވްމަންޓް ފޯ ޑިމޮކްރެޓިކް ޗޭންޖަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ އެޑީ ކްރޮސް ވަނީ ގްރޭސް ޤައުމު ދޫކުރައްވާ ވަޑައިގަތްކަން ކަށަވަރު ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
މުގާބޭގެ ސިޔާސީ ޕާޓީ، ޒާނޫ-ޕީއެފްގެ އޮފިޝަލަކު ވެސް ވަނީ ގްރޭސް މިވަގުތު ޤައުމުގައި ހުންނެވި ކަމަށް ޤަބޫލު ނުކުރައްވާކަން ހާމަކުރައްވާފައެވެ.
ބުދަ ދުވަހު ޒިމްބާބްވޭގެ އަސްކަރިއްޔާއިން އެޤައުމުގެ ޤައުމީ ޓީވީ ޗެނަލް ހިފާފައިވާއިރު، އެޗެނަލް މެދުވެރިކޮށް ހަމަނުޖެހުން ނުއުފެއްދުމަށް ގޮވާލާ އަސްކަރިއްޔާއިން ވަނީ ބަޔާނެއް ނެރެފައެވެ.
ސިފައިން އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ މިއީ ބަޣާވާތެއް ނޫން ކަމަށާއި، ރައީސް މުގާބޭ ހުންނެވީ ސަލާމަތާއި ރައްކާތެރިކަމާއި އެކުގައިކަމަށެވެ.
މުޅި ޒިމްބާބުވޭ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، އަސްކަރީ ވެހިކަލްތަކުން ދަނީ ވެރިރަށް ހަރާރޭގައި ހުރި ގާނޫނުހަދާ މަޖިލީހުގެ ކައިރީގައިވާ މަގުތަކާއި އަދި ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ މައިއޮފީސް ހުންނަ ސަރަޙައްދު ބަންދުކުރަމުންނެވެ.
ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާފައިވަނީ މުގާބޭއެވެ. މުގާބޭ އެންމެ ފުރަތަމަ ޒިމްބާބްވޭގެ ރައީސްގެ މަގާމަށް އިންތިޚާބުވީ 1987 ވަނަ އަހަރެވެ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ ޒިމްބާބްވޭގެ ބޮޑުވަޒީރުގެ މަގާމުގައެވެ. ސިއްހީ ހާލުކޮޅު ގޯސްވެ ދޭތެރެދޭތެރެއިން ސިންގަޕޫރުން ބޭސްފަރުވާ ކުރައްވާއިރުވެސް ރައީސް މުގާބޭވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަމަށް ލޮޅުން އަރާފަދަ ހާލަތަކަށް އެގައުމުގެ ކަންކަން ގޮސްފައި މިވަނީ ނައިބް ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ ހަވަނަ ދުވަހު މަގާމުން ދުރުކުރައްވާފައި ވަނިކޮށެވެ. އުމުރުފުޅުން 75 އަހަރުފުޅުގެ ނަންގަގްވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށްފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް ނަންގަގްވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ.