ޖަރުމަނުގެ ބަޔާން މިއުނިކަށް އިތުރު ފޯވާޑަކު ގެންނަން ޖެހޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޮލޭންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.
ބަޔާންގެ ފޯވާޑް ލައިނުގައި އެންމެ އިސް ރޯލެއް އަދާކުރަމުން އަންނަ ލެވަންޑޯސްކީ މިހެން ބުނެފައިވަނީ އެ ކްލަބުގައި ފޯވާޑުން މަދުވުމުގެ ސަބަބުން އޭނާ އުފުލަން ޖެހޭ ޒިންމާތައް ބޮޑުވުމުގެ ސަބަބުންނެވެ. އެގޮތުން ބުންޑެސްލީގާގައި އެ ޓީމު މި ސީޒަނުގައި 11 މެޗު ކުޅެފައިވާއިރު ލެވަންޑޯސްކީ ވަނީ އެ ހުރިހާ މެޗެއްގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ. އޭނާ ވަނީ މި މެޗުތަކުގައި އެ ޓީމަށް 11 ލަނޑު ޖަހައިދީ މޮޅު ކުޅުމެއް ދައްކާފައެވެ.
ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ބަޔާން ބުންޑެސްލީގާގެ އެއްވަނައިގައި އޮތްއިރު އެ ޓީމުގެ ކޯޗު ޖުޕް ހެއިންކޭސްއަށް އިތުރު ފޯވާޑެއްގެ ގޮތުގައި ބޭނުން ކުރެވޭ ހަމައެކަނި ކުޅުންތެރިޔަކީ ތޯމަސް މުލާއެވެ. މުލާއަކީ މިޑްފީލްޑަރުގެ މަގާމަށް ކުޅޭ ކުޅުންތެރިޔަކު ކަމުގައި ވިޔަސް ބައެއް މެޗުތަކުގައި އޭނާ އަންނަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފޯވާޑަށް ކުޅެމުންނެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ 'ސްޕޯޓްބިލްޑް' އާއި ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނެފައިވަނީ ފިނި މޫސުމުގެ ޓްރާންސްފާގައި އިތުރު ފޯވާޑެއްގެ ސޮއި ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި ޒުވާން ފޯވާޑެއްގެ ސޮއި ލިބިއްޖެނަމަ އެކަމުގެ ފައިދާ ދުރު ރާސްތާގައި ފެނިގެންދާނެ ކަމަށެވެ. އެގޮތުން އޭރުން ކޮންމެ މެޗެއްގެ 90 މިނެޓު ކުޅެން ނުޖެހޭނެ ކަމަށާއި އެގޮތަށް ކަން ހިނގައިފިނަމަ އެހެން މެޗުތަކަށް ރަނގަޅަށް ތައްޔާރު ވެވޭނެ ކަމަށެވެ. އިތުރު ފޯވާޑެއްގެ ސޮއި ބަޔާންއިން ހޯދައިފިނަމަ އޭނާއަށް އިންޖަރީވެ ކުޅުމާއި ދުރަށްދާން ޖެހުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ވެސް ލެވަންޑޯސްކީ ވަނީ ބުނެފައެވެ.
ބެލެވޭ ގޮތުގައި އަންނަ ޖެނުއަރީ މަހު ފެށޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބަޔާންއަށް އައު ފޯވާޑެއް ގެންނާނެއެވެ. އެގޮތުން އާސެނަލްގެ އޮލިވިއާ ޖިރޫ އާއި އަޔަކްސްގެ ފޯވާޑް ކެސްޕާ ޑޮލްބާގްއަށް އެ ޓީމުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން 104 ވަނަ އަހަރު އެ ޓީމަށް ބަދަލުވުމަށް ފަހު ކުޅުނު 107 މެޗުގައި ލެވަންޑޯސްކީ ވަނީ 88 ލަނޑު ޖަހައިދީފައެވެ.