އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު ހިންގަވާ ނާއިންސާފުގެ އަގު ދައްކަވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓު ޚަރާބު ވެފައިވާކަން އޮނަރަބްލް ފާރިސް މައުމޫން ހާމަކޮށްދެއްވައިފި ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު (ޗީފް ޖަޖް) ތިޔަ ހިންގަވާ ނާއިންސާފުގެ އަގު ދައްކަވަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Hon. @afarismaumoon haamakoh dhevvaifi Rajjeyge SC kharaab vefai vaakan. CJ Abdulla Saeed thiya hingavaa naainsaafuge agu dhakkavan jeheyne.
— Mohamed Nasheed (@MohamedNasheed) November 15, 2017
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން މިހާރުވަނީ ނިންމާލާފައެވެ.
ވަކީލް ވިދާޅުވީ މި މައްސަލައިގައި އިތުރު ކަމެއް ސާފް ކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުން ކަމަށް މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވި ކަމަށެވެ. ނަމަވެސް ބެންޗުން ވަކި ތާރީހެއް ވިދާޅުވެފައި ނުވާ ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.
ފާރިސްގެ އިސްތިއުނާފު މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބުދުއް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.
ފާރިސް ހައްޔަރު ކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށް، ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، ތަހުގީގު ވެސް ނިމިފައެއް ނުވެ އެވެ. ނަމަވެސް، އޯގަސްޓް 22 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކޮށް، އިބުތިދާއީ އަޑުއެހުންތައް މިހާރު ވަނީ ފަށާފަ އެވެ.