އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުންދާ ވަގުތު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރު ބަޖެޓަށް ބަހުސް ކުރުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ކަމަށް ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާތީ، ބުރާސްފަތި ދުވަހު މަޖިލިސް ކުރިއަށްދާ ވަގުތު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބަޖެޓަށް ބަހުސް ކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ވަމުންދާ ތައްޔާރީތައް ވެސް ވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު މެމްބަރުން ބަޖެޓަށް ބަހުސް ކުރައްވާއިރު، މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ޕްރެޒެންޓޭޝަންތައް ވެސް ކުނޫޒުގައި ބާއްވާ ޖަލްސާގައި އިވިގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ބުރާސްފަތި ދުވަހު މަޖލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާ، އެޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފަ އެވެ. މަޖިލިސް ޖަލްސާ ބުރާސްފަތި ދުވަހުގެ ހެނދުނު 09 ޖަހާއިރު ފަށާއިރު، އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބާއްވާ ޖަލްސާ ވެސް ހަމަ އެވަގުތު ފެށުމަށް ވަނީ ނިންމާފަ އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާފަ އެވެ. އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ އެބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.
ފިނޭންސް މިނިސްޓަރު މުނައްވަރު ބަޖެޓް ހުށަހަޅުއްވަމުން ދިޔައިރު، އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ.