އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީއިން ފޮނުވި ބަޖެޓު ފޮތުގައި "ބޮޑު" ކުށެއް އޮތް ކަން ފާހަގަކުރެއްވިއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބުދަ ދުވަހު އެވެ.
ބަޖެޓު ފޮތުގެ 21 ވަނަ ސަފުހާގައިވާ ގޮތުގައި، ޖެނެރަލް ގުޑްސް އެންޑް ސަރވިސް ޓެކްސް(ޖީޖީއެސްޓީ) ގޮތުގައި އަންނަ އަހަރު 3،148.0 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.
އެ އަދަދަކީ 3.14 ޓްރިލިއަން ރުފިޔާ އެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ދުވަހަކު ވެސް، ބަޖެޓު ފޮތެއްގައި ޓްރިލިއަނަކަށް އަރާ އަދަދެއް ހިމަނާފައި ނުވެ އެވެ.
މި އަދަދަކީ އަހަރެއްގެ މައްޗަށް އެވެރެޖްކޮށް 25 ބިލިއަން ރުފިޔާއިން ބަލައިފިނަމަ ގާތްގަނޑަކަށް 126 އަހަރުގެ ބަޖެޓާއި އެއްވަރުގެ އަދަދެކެވެ.
ޖީޖީއެސްޓީގެ ގޮތުގައި، 3.14 ޓްރިލިއަން ރުފިޔާ ދިވެހި ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓު ފޮތުގައި އަންދާޒާކޮށްފައިވާއިރު، 2017-2018 އަށް އަވަށްޓެރި އިންޑިއާއިން ފާސްކުރީ 5.1 ޓްރިލިއަން ރުފިޔާ(336.39 ބިލިއަން ޑޮލަރު) ގެ ބަޖެޓެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބަޖެޓު ފޮތުގައި ޖީޖީއެސްޓީގެ ގޮތުގައި 3.14 ޓްރިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖެހިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. އަދި ގަބޫލުކުރެވޭ ގޮތުގައި، ބަޖެޓު ފޮތުގައި އޮންނަން ވާނެ ރަނގަޅު ގޮތަކީ 3148 މިލިއަން ރުފިޔާ(3.14 ބިލިއަން ރުފިޔާ) އެވެ.