އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ބޮޑެތި މަޝްރޫއު ތަކަށް ކަމަށް ބުނެ ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓް ޑިވެލޮޕްމެންޓްގެ ދަށުން އަޅާ ރައްވޭއަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެ އެއާރޕޯޓްގެ ޓާރމިނަލް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް 5.3 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި 1.5 ބިލިއަން ރުފިޔާ އެއާރޕޯޓް ތަރައްގީގެ ޕްރޮޖެކްޓަށް ކަނޑައަޅާފައިވާއިރު، މީގެ ކުރިން ސަރުކާރުން ވަނީ އެއާރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ 800 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް ބުނެފަ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން ޔުނައިޓެޑް އެރަބި އެމިރޭޓްސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެއާރޕޯޓް ޕްރޮކޖެކްޓްގެ އެއްބަސްވުމެއްގައި ސޮއިވެސް ކުރައްވާފައި ވެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗް ސަރަހައްދުގައި އިމާރާތްކުރާ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް ކަމަށް ބުނެ 4.4 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު، 140 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މީގެކުރިން ސަރުކާރުން ވަނީ ސޮއި ކޮށްފަ އެވެ.
ވެލާނާ އިންޓަރނޭޝަލް އެއާރޕޯޓުގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ދަރުމަވަންދަ ހޮސްޕިޓަލުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިން ދައުލަތުގެ ބަޖެޓްގައި އެއިން އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ ކަނޑައަޅާފައެއް ނުވެއެވެ.
މީގެ އިތުރުން، ސޯޝަލް ހައުސިންގ މަޝްރޫއުގެ (އިކުއިޓީ ކޮމްޕޯނަންޓް)އަށް 4.6 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު، ސަރުކާރުން އެއާރޕޯޓް އެޅުމަށް ނިންމާފައިވާ ތިން ރަށެއްގެ ބިން ހިއްކުމާއި އެއާރޕޯޓް އެޅުމަށް 3.3 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫ އަދި ގދ. މާވަރުލު ބިން ހިއްކައި އެއާރޕޯޓް އެޅުމަށެވެ.
ހުޅުމާލެ އައިލެންޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް 2.4 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު، މާލެ-ހުޅުލެ ބްރިޖް ޕްރޮޖެކްޓަށް 2.1 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ބްރިޖް ޕްރޮޖެކްޓަކީ ވެސް މީގެކުރިން ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްޓެއް ނޫނެވެ.
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސްވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް (އޮފިޑް ފޭސް 2) އަށް 1.3 މިލިއަން ރުފިޔާ ބަޖެޓް ކަނޑައަޅާފައިވާއިރު، ކޮމާޝަލް ބޭނުމަށް 10 ހެކްޓަރަށްވުރެ ބޮޑު 20 ފަޅު ހިއްކުމަށް އެއް މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބޮޑެތި މަޝްރޫއުތަކަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމަޖައްސާފައި ވެއެވެ.