އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް 234 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ ބުދަ ދުވަހު އެވެ.
ބަޖެޓު ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންނަށް 1،000 ފްލެޓް ހަމަޖެހިގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސިވިލް ސަރވިސް މުވައްޒަފުންނަކީ ސަރުކާރު ހިންގުމުގެ އިންޖީނެވެ.
އަންނަ އަހަރުގެ ބަޖެޓަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް އުއްމީދީ ބަޖެޓަކަށް ވެގެން ދާނެ ކަމަށް، މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ސިވިލް ސަރވިސްގެ އޮނިގަނޑު ރަނގަޅު ކުރުމާއި މުވައްޒަފުންނަށް ދެވޭ އިނާޔާތްތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބަޖެޓުގައި ހިމަނާފައި މިވަނީ، މުސާރަ ބޮޑުނުކޮށްގެން މުވައްޒަފުން ޝަކުވާ ކުރަމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ގާތްގަނޑަކަށް 24،000 މުވައްޒަފުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާއިރު، އެ މީހުންގެ މުސާރަތައް ނިސްބަތުން ކުޑަ އެވެ.
މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ ސަބަބުން ހުނަރުވެރި މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައި ވެއެވެ.
މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސިވިލް ސަރވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ގާބިލު މުވައްޒަފުން ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ސިވިލް ސަރވިސްއަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވަމުންދާ މައްސަލަ ކަމަށް ވެސް ކޮމިޝަނުން ބުނެފައި ވެއެވެ.
މީގެ ކުރިން ސިވިލް ސަރވިސްގެ މުސާރަ ބޮޑުކުރީ، މީގެ އަށް އަހަރު ކުރިންނެވެ.