މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ، 43 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން 2016 ވަނަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު މިނިސްޓަރު ވިދާޅުވެފައި ވަނީ 2016 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ، 36.9 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެން ކަމުން، މިއަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް މިވަނީ 6.1 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ދިވެހިންގެ އާބާދީގެ ނިސްބަތުން ބަލާއިރު ބޮލަކަށް 126،005ރ. ގެ ދަރަންޏެކެވެ. ރާއްޖޭގައި 2014 ވަނަ އަހަރު ނެގި ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަކީ 341،256 އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަރަނި އަދާކުރުމަށް މި އަހަރު 4.3 ބިލިއަން ރުފިޔާ ހޭދަ ކުރެވޭނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 22.4 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް، ޚަރަދުތަކަށް 24.9 ބިލިއަން ރުފިޔާ ހޭދަކުރަންޖެހޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.