އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 27.9 ބިލިއަން ރުފިޔާ އެވެ.
މިއަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20.8 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އާމްދަނީގެ ގޮތުގައި 2016 ވަނަ އަހަރު ލިބިފައި ވަނީ 18.2 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި 22.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ މިއަހަރުގެ އާމްދަނީއާއި އަޅާ ބަލާ އިރު އަށް ޕަސެންޓްގެ ކުރިއެރުމެކެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީ ހޯދާނެ ގޮތްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ޓެކުހުންނެވެ. އަންނަ އަހަރު ޓެކުހުން ލިބޭނެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 16.3 ބިލިއަން ރުފިޔާ ބަޖެޓްގައި އަންދާޒާކޮށްފައި ވެއެވެ. އަދި ޓެކްސް ނޫން ގޮތް ގޮތަށް 5.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު ލޯނާއި ހިލޭ އެހީގެ ގޮތުގައި 858 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ބަޖެޓްގައި ހިމަނާފައެވެ.
އަންނަ އަހަރު ވެސް އެންމެ ބޮޑު އާމްދީއެއް ޓެކުހުން ހޯދުމަށް ރާވާފައިވާ އިރު އިތުރު ޓެކްސްތަކެއް ނަގައި ޓެކްސް ބޭސް ފުޅާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ. އެކަން ހާސިލްކުރުމަށް ގާނޫނުތަކަށް އިސްލާހުތައް ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.