ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 10:30
ޒިމްބާބްވޭގެ ސަރުކާރު ޓީވީ ސްޓޭޝަން ހިފުމަށް ފަހު ސިފައިންގެ މީހަކު އަސްކަރިއްޔާގެ ބަޔާނެއް އިއްވަނީ
ޒިމްބާބްވޭގެ ސަރުކާރު ޓީވީ ސްޓޭޝަން ހިފުމަށް ފަހު ސިފައިންގެ މީހަކު އަސްކަރިއްޔާގެ ބަޔާނެއް އިއްވަނީ
ބީބީސީ
ޒިމްބާބްވޭ
މިއީ ބަޣާވާތެއް ނޫން، މިއުޅެނީ މުގާބޭގެ އަރިހުގައި ތިބި މުޖިރިމުން ހައްޔަރުކުރަން: ޒިމްބާބްވޭގެ އަސްކަރިއްޔާ
މުގާބޭގެ އަމަލުތައް ހުރި ގޮތުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ޖެހިދާނެކަމުގެ އިންޒާރު އަސްކަރިއްޔާއިން ދިނީ އިއްޔެ

ޒިމްބާބްވޭގެ ވެރިކަމާ ދެކޮޅަށް އަސްކަރިއްޔާ ތެދުވެ، ސިފައިންގެ ބެލުމުގެ ދަށަށް ޤައުމީ ޓީވީ ގެންގޮސްފިއެވެ.

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރުން ހިންގާ ބައެއް ކަންކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލައިގެ ތެރެއަށް ވަންނާނެކަމުގެ އިންޒާރު އަސްކަރިއްޔާއިން އަންގާރަ ދުވަހު ދީފައިވަނިކޮށް، ބުދަ ދުވަހު އަސްކަރިއްޔާއިން ވަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ޤައުމީ ޓީވީ ގެންގޮސްފައެވެ. އަދި ވެރިރަށް ހަރާރޭގެ މަގުތަކަށް ބަރުހަތިޔާރާ އެކު ސިފައިން ނިކުމެފައިވާއިރު، އަސްކަރިއްޔާއިން ބުނަނީ މިއީ ބަޣާވާތެއް ނޫން ކަމަށެވެ.

ޓީވީ ސްޓޭޝަން ހިފުމަށް ފަހު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޒިމްބާބްވޭގެ ރައީސް ރޮބާޓް މުގާބޭ ހުންނެވީ ސަލާމަތާއި ރައްކާތެރިކަމާ އެކު ކަމަށާއި، އެބޭފުޅާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި މިއީ މުގާބޭއާ ދެކޮޅު ހަރަކާތެއް ނޫން ކަމަށާއި، އަސްކަރިއްޔާއިން މަސައްކަތްކުރަނީ މުގާބޭގެ އަރިހުގައި ތިބި މުޖުރިމުން ހައްޔަރުކުރުމަށް ކަމަށެވެ. އެގޮތުން ޒިމްބާބްވޭގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ.

 

ޒިމްބާބްވޭ ސިފައިން ބަރުހަތިޔާރާއިއެކު މަގުތަކުގައި

އަސްކަރިއްޔާއިން ވަނީ ދައުލަތުގެ ބާރުތަކަށާއި ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށް މެސެޖް ދީފައެވެ. އެގޮތުން މަޖިލިސް މެމްބަރުންނަށް މިނިވަންކަމާ އެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުންޏެވެ. އަދި ފަނޑިޔާރުންނަށް ވެސް މިނިވަންކަމާ އެކު ޝަރީޢަތްކުރެވޭނެ މަގު ފަހިކޮށްދޭނެ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ. އަދި ޒުވާނުން ވެސް ސިޔާސީ ގޮތުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ނުކުރުމަށް އަސްކަރިއްޔާއިން ގޮވާލާފައިވާއިރު، ވަޒީފާއަށް ދާ މީހުންނާއި ވިޔަފާރިވެރިން އާއްމު ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް އަސްކަރިއްޔާއިން ގޮވާލާފައި ވެއެވެ. މީޑިއާއަށް ވެސް މިނިވަންކަމާ އެކު ޒިމްބާބްވޭގައި ހިނގަމުންދާ ކަންކަން ރިޕޯޓްކުރުމަށް އަސްކަރިއްޔާގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

ޒިމްބާބްވޭގެ މަސްރަހު ގޯސްވެ، އުމުރުފުޅުން 93 އަހަރުގެ މުގާބޭގެ އަތުން އަސްކަރިއްޔާގެ ކޮންޓްރޯލް ގެއްލުނީ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ކޮންސްޓެންޓީނޯ ޗިވެންގާ ބުދަ ދުވަހު ރައީސް މުގާބޭއަށް އިންޒާރު ދެއްވުމާ ގުޅިގެންނެވެ. އަދި ޗިވެންގާގެ މިއިންޒާރަކީ ދާދިފަހުން ޒިމްބާބްވޭގެ ނައިބު ރައީސް އެމަރސަން އެމްނަންގަގްވާ މަޤާމުން ދުރުކުމާ ގުޅިގެން ދެއްވި އިންޒާރެކެވެ. އެމްނަންގަގްވާ އާއި ޗިވެންގާއަކީ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. މުގާބޭގެ ނައިބު ރައީސްކަމުން އެމްނަންގަގްވާ ދުރުކުރެވުނީ ރައީސް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޒިމްބާބްވޭގެ ރައީސްކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ކަމަށްވެ އެވެ.

ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ޖެހިދާނެކަމުގެ އިންޒާރު ޗިވެންގާ ދެއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އަދި ވެރިކަންކުރާ ޒާނޫ-ޕީއެފް އިން ވަނީ އަސްކަރިއްޔާއާ ދެކޮޅަށް ނުރުހުން ފާޅުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް