ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 08:56
ރާއްޖެ އަދި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން
މުހައްމަދު ޝަރުހާން
އޭޝިއަންކަޕް ކޮލިފައިން
އޭޝިއަންކަޕް ކޮލިފައިން: ފަލަސްތީނުން ރާއްޖެ ލަދުގަންނުވާލައިފި
މިއީ ފާއިތުވި 15 އަަހަރުގެ ތެރޭގައި ރާއްޖެ ބަލިވި އެންމެ ބޮޑު ބަލި

އޭޝިއަންކަޕް ކޮލިފައިންގައި ފަލަސްތީނުން ރާއްޖެ ލަދުގަންނުވާލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ފަލަސްތީނާ ވާދަކޮށް ރާއްޖެ ބަލިވެފައި ވަނީ 1-8 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ފާއިތުވެ ދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ރާއްޖެ ކޮޅަށް އެންމެ ގިނައިން ލަނޑު ވަތް އަދި އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ.

ފަލަސްތީން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަހުމޫދު ޔޫސުފް އެވެ. މި ލަނޑަށް ފަހު ވެސް ފަލަސްތީނުން ދިޔައީ ރާއްޖޭގެ ގޯލަށް ފުލުފުލުގައި ހަމަލާ ދެމުންނެވެ. އެގޮތުން 16 ވަނަ މިނެޓުގައި ހައިތަމް ތީބް ފޮނުވާލި ބޯޅަ ރާއްޖޭ ގޯލު ތެރެއަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފައެވެ. ފަލަސްތީނުގެ ތިންވަނަ ލަނޑު 30 ވަނަ މިނެޓުގައި ސަމީހު މަރާބިއާ ކާމިޔާބުކޮށްދިން އިރު، އޭގެ ދެ މިނެޓު ފަހުން މަހުމޫދު ވަނީ އެޓީމަށް ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފްގައި ރާއްޖެއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައިނުވާއިރު، ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެން ވެސް ފުރުސަތެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް ފަލަސްތީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ހަވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ދެވަނަ ހާފް ފެށިގެން ހަވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ ރިޒޭގެ އެހީތެރިކަމާ އެކު ހަސަން ނާއިޒް (ދާދު) އެވެ.

އޭގެ ފަހުން އަށް މިނެޓު ތެރޭގައި ފަލަސްތީނުން ވަނީ ފުލުފުލުގައި ހަތަރު ލަނޑު ޖަހާފައެވެ. މި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ސަމީހު ޖެހިއިރު، އަނެއް ލަނޑު ޖެހީ ޒޮރީލާއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ޑީގައި އޮމާން އަދި ބޫޓާން ބައްދަލުކުރި މެޗު 2-4 ގެ އިން ކާމިޔާބުކުރީ އޮމާންއެވެ. ގްރޫޕްގައި ކޮންމެ ޓީމެއް ވެސް ފަސް މެޗު ކުޅެފައިވާއިރު، ހުރިހާ މެޗެއް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ފަލަސްތީނެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު އޮމާން އޮތްއިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ރާއްޖެއެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޫޓާނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް