އިސްލާމީ ވެރިއަކު ކުރައްވައިގެން ނުވާނެ އެތައް ކަމެއް ކުރައްވައި އަދި ވިދާޅުވެގެން ނުވާނެ އެތައް ބަސްފުޅެއް ރައީސް ޔާމިން ވިދާޅުވެފައިވާ ކަމަށް އަދާލަތު ޕާޓީގެ މެމްބަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކޮންމެ ފަދަ ގާނޫނެއް ފާސްކުރިޔަސް ތަންފީޒުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ވިދާޅުނުވެވޭނެ ކަމަށެވެ. ގާނޫނު އަސާސީގައި އެންމެހާ ގާނޫނުތައް ހަދަންވާނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާނެ ގޮތަށް ކަމަށް ބުނެފައިވަނިކޮށް އެއާ ހިލާފް ގާނެއް ފާސްކުރިޔަސް ތަންފީޒުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ވިދާޅު ނުވެވޭނެ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އިސްލާމް ދީނުގައި ހައްދުތައް ކަނޑައަޅާފައިވާ ބައެއް ކުށްތައް ވެސް ކުށެއް ނޫން ކަމަށް ގާނޫނުގައި ލިޔެފި ނަމަ އެކަން ތަންފީޒު ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައިވާ ބަސްފުޅަށް ނިސްބަތް ކުރައްވަނުންނެވެ. އެ ގޮތުން ވައްކަންކުރުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ގާނޫނުއަސާސީގައި ފާސްކޮށްފި ނަމަ އެ ގާނޫނު ވެސް ތަންފީޒުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
"299 ވަނަ މާއްދާގައި އެބަ ބުނޭ މި ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ރައްޔިތަކު ކުރަން ޖެހޭ ކަމެއް ކަމަށް. އެހެންވީމަ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާނެ އެއްޗެއް ފާސްކުރި ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އެ ފާސްކޮށްގެންނުވާނެ،" ޑރ. މަޖީދު ވިދާޅުވި އެވެ.
ވެރިންނަށް ކިޔަމަންވާން ޖެހޭނީ ވެރިން އެމީހުންގެ ކިބައިގައި އެޅިފައިވާ މައްސޫލިއްޔަތު އަދާކުރާ ކަމުގައި ވާނަމަ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވެރިން ކުރާ ކޮންމެ އަމުރަކަށް ރައްޔިތުން ކިޔަމަންވާން ނުޖެހޭ ކަން ރަސޫލާގެ ހަދީސްތަކުން ވެސް ސާބިތުވާ ކަމަށެވެ.
މަޖީދު ވިދާޅުވީ އަނިޔާވެރިންނަށް ވާގިވެރިވެ އެމީހުންނާ ބައިވެރިވުމަށް ދީނުގައި އަންގަވާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ވެރިން ޖަވާބުދާރީ ކުރުވުމަކީ ވެރިންނަށް ނުކިޔަމަންތެރިވުން ނޫން ކަމަށާއި އިސްލާމް ދީނުގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ އޮންނަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މަޖީދު ވިދާޅުވީ ވެރިން ދައްކާ ކޮންމެ ވާހަކައެއް ބަހުސެއް ނެތި ގަބޫލުކުރަން ޖެހޭ ކަމަށް ބުނުމަކީ ހުދުމުހްތާރު ސިފައެއް ކަމަށާއި ވެރިންނާ ސުވާލު ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.