އޭޓީއެމް މެޝިނަކުން މީހަކު ޖަމާކުރި ފައިސާތަކެއްގެ ތެރެއިން ރިޖެޓްވި ފައިސާތަކެއް އެހެން މީހަކު ނެގި މައްސަލައެއްގައި މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މީހާގެ ވީޑިއޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
އަންގާރަ ދުވަހު އާންމުކުރި އެ ވީޑިއޯގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ކައިރިއަށް ގޮސް ފައިސާތަކެއް ނަގާތަން ފެނެ އެވެ. ހޯދަން އިއުލާންކޮށްފައިވާ މީހާ ނަގަނީ އޭނާއަށް ވުރެ ކުރިން ފައިސާ ޖަމާކުރުމަށް ގޮސްހުރި މީހާ ޖަމާކުރުމަށް މެޝިނަށް އެޅި ފައިސާ ނޫޓުގެ ތެރެއިން ކޮންމެވެސް ސަބަބަކާ ހުރެ ބަލައިނުގަތް ފައިސާ ކަމަށް ބެލެވެ އެވެ.
އޭނާ ނަގާފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އިތުރު އެއްވެސް ތަފްސީލެއް ވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
ސެލްފް ސާވީސް އޭޓީއެމްތަކުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ފައިސާ ޖަމާކުރެއެވެ. އަދި އޭޓީއެމްތަކުން ފައިސާ ޖަމާކުރާއިރު ބައެއް އޭޓީއެމްތަކަކީ ވަކި ވަރަކަށް ވުރެ މަތިން އަދަދު ފައިސާ ޖަމާ ކުރެވޭ އޭޓީއެމްތަކެވެ. އަދި ފައިސާ ވަކި ވަރަކަށް ވުރެ ބާވެ ހަފުސްވެފައި ހުއްޓަސް ބަލައިނުގަނެ ރިޖެކްޓް ކުރެ އެވެ. ރިޖެކްޓްކުރާ ފައިސާ އަނބުރާ މެޝިނުން ނުކުތުމަށް ވަގުތުކޮޅެއް ނަގާއިރު ފައިސާ ޖަމާވިތޯ ކަށަވަރުކުރުން މުހިންމެވެ.
ފުލުހުން ވަނީ އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.