ރާއްޖެޓީވީން ހިއްސާކުރި މައުލޫމާތުތަކަކާ ގުޅިގެން ލ. ގަމު މެޖިސްޓްރޭޓް ކޯޓާއި އެ ކޯޓުގެ ގާޒީގެ އަގު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހްމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހެއްގެ ފޯނު އަތުލައިފި އެވެ.
ގަމު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު، ލ. ގަން, ތުނޑި، އަލިނޫރު, އަހްމަދު މައުރޫފްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓުގެ ސިއްރު މައުލޫމާތުތަކެއް ހާމަކުރި ކަމަށް ތުހްމަތުކުރެވޭ މައްސަލައެއްގެ ތަހްގީގަށެވެ. އަދި އޭނާ އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ތުހްމަތުކޮށް، އެރަށު ފިނިވާގެ، އަބްދުﷲ ނަސީރުގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަތުލައިފައެވެ.
އަހްމަދު މައުރޫފްގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހްމަތުގައި ބުނަނީ ލ. މެޖިސްޓްރޭޓް ކޯޓާއި އެ ކޯޓުގެ މެޖިސްޓްރޭޓްގެ އަގު ވައްޓާލުމުގެ ނިޔަތުގައި މައުލޫތު ހިއްސަކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ހެކި ލިބިފައި ވަނީ އޮކްޓޯބަރު 30 ވަނަ ދުވަހު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުން ގެނެސްދިން މައުލޫމާތުން ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯޓު އަމުރުތައް ހޯދުމަށް އެދި ހުށައެޅިއިރު މައްސަލައިގެ ބަވާތަކީ ގާނޫނުލް އުގޫބާތުގެ ދަށުން ދައުލަތް ހިންގުމަށް ދެކޮޅަށް ކުރެވޭ ކުށާއި ރަސްމީ ހަސިއްޔަތުން އަދާކުރާ ވަޒީފާގައި ހިންގާ ހުއްދަ ނޫން ކަންކަމާއި ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.
މައުރޫފް ހާމަ ކޮށްފައި ވަނީ ކޮން މައުލޫމާތެއް ކަމެއް އެ ކޯޓު އަމުރުތަކުން އެނގޭކަށް ނެތެވެ.
ނަމަވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ އެ ދުވަހު، ކޯޓުގެ ތެރޭގައި މުވައްޒަފުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ކަމަށް ބުނާ ގަވައިދުތަކެއްގެ މައުލޫމާތު "ފަށާއިރު" ޕްރޮގރާމްގައި ގެނެސްދީފައި ވެއެވެ. އޭގެ ތެރޭގައި އެ ކޯޓުގެ މުވައްޒަފުން އެ ކޯޓުގައި ހަދާފައިވާ މަސްފެންގަނޑެއް ބެލެހެއްޓުމާއި އެކަމަށް ހަދާފައިވާ ކޮމިޓީތަކާއި ހެދުން އެޅުމުގައި ގެންގުޅޭ އުސޫލްތަކަކާ ބެހޭ މައުލޫމާތުތަކެއް ގެނެސްދީފައި ވެއެވެ.