ވެރިން ޖަވާބުދާރީ ކުރުވުމަކީ ވެރިންނަށް ކިޔަމަން ނުވެތިބުން ނޫން ކަމަށް ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ ކުނޫޒްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ މަޖީދު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ވެރިންގެ މަސްއޫލިއްޔަތަކީ ވަރަށް ބުރަ މަސްއޫލިއްތެއް ކަމަށާއި އިސްލާމީ ނަޒަރަކުން ބަލާއިރު ވެރިކަން ކުރަނީ ވެރިކަން އޭގެ ޒާތުގައި ކުރަން ނޫން ކަމަށެވެ. އެއީ މަސްއޫލިއްޔަތަކާއި ޙަވާލުވެގެން އޭގެ ހައްގު ގޮތުގައި ރައްޔިތުންނަށް ހައްގު އަދާކުރުން ކަމަށް ވިދާޅުވިއެވެ.
ޑރ މަޖީދު ވިދާޅުވީ ދީނުގައި އަންގަވާފައިވާ ގޮތުގައި އެއީ އަމާނާތެއް ކަމަށާއި ޤިޔާމަތް ދުވަހުން އެއަމާނާތަށް ޖަވާބުދާރީވާއިރު އެކަން ނުކުރެވި އޮތްކަމުގައިވާނަމަ ވަރަށްބޮޑު ހިތާމައަކާ ކުރިމަތިވާނޭ ކަމަށެވެ.
ޑރ މަޖީދު ވިދާޅުވީ ވެރިންނަށް ކިޔަމަން ވުމަކީ އޮންނަ ކަމެއް ކަމަށާއި ނަމަވެސް އެކަން މުތުލަޤަށް ނޯންނަ ކަމަށެވެ. އެގޮތުން ރަސޫލާގެ ހަދީޘަކަށް އިޝާރާތް ކުރައްވާ މަޖީދު ވިދާޅުވީ ﷲ އަށް އުރެދޭފަދަ ކަމެއްގައި ވެރިންނަށް ކިޔަމަންވުން ނޯންނަ ކަމަށެވެ. ރައްޔިތުން ވެރިންނަށް ކިޔަމަންވާން ޖެހެނީ އެވެރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރާނަމަ ކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.
ޑރ މަޖީދު ވިދާޅުވީ އަނިޔާވެރި ވެރިން ކުރާ އަނިޔާއަށް ވާގިވެރިވުމަށް އެވެރިންނަށް ކިޔަމަން ވުމަށް އިސްލާމްދީނުގައި އަންގާފައި ނުވާ ކަމަށެވެ. އެއީ އެއްވެސް މީހަކު އެއްވެސް ހާލެއްގައި ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ޑރ މަޖީދު ވިދާޅުވީ ވެރިންނަށް ކިޔަމަން ވުމާއި ވެރިން ޖަވާބު ދާރީ ކުރުވުމަކީ މުޅިން ދެކަމެއް ކަމަށެވެ. އެހެންނަމަވެސް ވެރިންނަށް ކިޔަމަންވުމާއި ވެރިން ޖަވާބުދާރީވުން ގިނަބަޔަކަށް އޮޅިފައިވާ ކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.
"ގިނަ މީހުންނަށް އޮޅިފަ އޮންނަ ކަމެއް ވެރިންނަށް ކިޔަމަން ވުމާއި ވެރިން ޖަވާބުދާރީ ކުރުވުމަކީ. ޖަވާބުދާރީވާ ވާހަކަ ދެއްކީމަ ބައެއް މީހުންނަށް މި ހީވަނީ އެއީ ވެރިންނަށް ކިޔަމަން ނުވަނީއޭ" ޑރ މަޖީދު ވިދާޅުވިއެވެ.
ޑރ މަޖީދު ވިދާޅުވީ ރައްޔިތުންނާ މަޝްވަރާ ކުރުމަކީ ވެރިން ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެވެރިން މަޝްވަރާ ނުކުރާނަމަ އެވެރިއަކު އަޛްލް ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމަށެވެ.