އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ޑިފެންސް އެޓާރޗޭ ލެފްޓިނެންޓް ކާނަލް ޑަގްލަސް ހެސް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެޤައުމު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ލެފްޓިނެންޓް ކާނަލް ޑަގްލަސް ހެސް، މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތަކީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.