މާލެއިން މުދާ ހިފައިގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ފަރަކަށް އަރައި އަޑިއަށް ދިއުމުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ދޯނީގައި ހަމީހުން ތިބި ނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ މާލެ އަތޮޅު ކޮއްދިއްޕަރު ރިޒޯޓަށް ދަތުރުކުރަމުން ދިޔަ ''މުތީ'' ނަމަކަށްކިޔާ ސަޕްލައިދޯނި ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ދޯނި ކޮއްދިއްޕަރު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިރޭ 19:30 ހާއިރު ކަމަށާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރ ކުރާފްޓް ވަނީ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަޙަދަށް ގޮސް އެހީތެރިވުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.
މި ޙާދިސާ ހިނގިއިރު ދޯނީގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ތިބި ނަމަވެސް މިއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ދޯނިގެ ބޮޑު ބައެއް ވަނީ ފެނުއަޑީގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.