މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ހަރު މުދަލުގެ ގޮތުގައިވާ 36 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވެއްޖެއެވެ.
އޮޑިޓަރޖެނެރަލް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބުނާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި އެމިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ހަރުމުދަލުގެ ދަފްތަރު ބަލަހައްޓާފައި ނުވާކަމަށެވެ.
އެގޮތުން މުދަލަށް ދީފައިވާ ކޯޑު ނަންބަރާއި މުދަލުގެ ފުރިހަމަ ނަމާއި، މުދަލުގެ ތަފްސީލާއި މުދާ ހުރިތަން އަދި މުދާ ލިބުނު ތާރީޚާއި މުދަލުގެ އަގުގެ އިތުރުން މުދަލަށް ފަހުން އައިސްފައިވާ ބަދަލުތައް އެނގެން ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މާލީ އަހަރު ނިމުނުއިރު ހަރުމުދަލުގެ އަގުގެ ގޮތުގައި ބަޔާން ކޮށްފައިވާ 36131257 (ތިރީސް ހަމިލިއަން އެއްސަތޭކަ ތިރީސް އެއްހާސް ދުއިސައްތަ ފަންސާސް ހަތެއް) ރުފިޔާއަކީ ސައްހަ އަދަދެއްކަން ޔަޤީން ކުރެވިފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެއޮޑިޓް ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި އަތުން ރަސީދު ލިޔެގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާގެ ރަސީދުތައް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް 2015 ވަނަ އަހަރުތެރޭގައި ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުގެ ދުވަހު ފޮތުގައި އާމްދަނީގެ ގޮތުގައި ލިބުނުކަމަށް ބަޔާންކޮށްފައިވާ 4063500 (ހަތަރު މިލިޔަން ފަސްދޮޅަސް ތިންހާސް ފަސްސަތޭކަ) ރުފިޔާގެ ސައްޙަކަން ކަށަވަރު ނުވާ ކަމަށެވެ.