ސްރީލަންކާގެ ފްރީޑަމް ޕާޓީގެ މެމްބަރުން އެހެން ސިޔާސީ ޕާޓީތަކަށް ތާޢީދު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެރިކަން ކުރާ ފްރީޑަމް އެލަޔަންސްގެ ސެކްރެޓަރީ ޖެނެރަލް މަހިންދަ އަމަރަވީރަ ވިދާޅުވެއްޖެއެވެ. އަމަރަވީރަ ވިދާޅުވީ ފްރީޑަމް ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ތާޢީދުކުރި ނަމަވެސް އެމައްސަލަ ކުރިން ނުބަލަނީ ޕާޓީ އެއްބައިވަންތަ ކުރުމަށް ކަމަށެވެ. އަދި އިންތިޚާބު ބޯމަތިވެފައިވަނިކޮށް އެހެން ޕާޓީތަކަށް ތާޢީދުކުރާނަމަ ޕާޓީއިން ވަކިކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފްރީޑަމް އެލަޔަންސްގައި ހިމެނޭ އެހެން ޕާޓީތަކުން ކަންކުރާނެ ގޮތެއް މިމައްސަލައިގައި ހާމަކޮށްފައެއްނުވެއެވެ.
ފްރީޑަމް ޕާޓީއިން މިއިންޒާރު އެޕާޓީގެ މެމްބަރުންނަށް ދިނީ އެޕާޓީގެ ރާޖަޕަކްސަގެ ފެކްޝަނުން އުފެއްދި އައު ސިޔާސީ ޕާޓީ ސްރީލަންކާ ޕޮޑުޖާނަ ޕެރަމުނަ ޕާޓީއަށް ތާޢީދުކޮށް ފްރީޑަމް ޕާޓީގެ ބައެއް މެމްބަރުން ވާހަކަ ދައްކަމުން ދިޔުމުންނެވެ. ރާޖަޕަކްސަގެ ފެކްޝަނުން އައު ޕާޓީއެއް އުފެއްދީ ފްރީޑަމް ޕާޓީގެ ލީޑަރޝިޕްގައި ރާޖަޕަކްސަގެ ވަފާތެރިން ތިއްބަވަނިކޮށް ރައީސް މައިތިރިޕާލާ ސިރިސެނާ އެޕާޓީގެ ކޮންޓްރޯލް ނެންގެވުމާއި ގުޅިގެންނެވެ. އައު ޕާޓީގެ ލީޑަރޝިޕްގައި ހުންނެވީ ލަންކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖީއެލް ޕީރިސްއެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި މި ޕާޓީއިން ވާދަކުރާއިރު، ފްރީޑަމް ޕާޓީއަށް ބޮޑު ގޮންޖެހުމަކަށް އެޕާޓީ ވާނެ ކަމަށް ބެލެވެއެވެ.
ލަންކާގެ ސިޔާސީ ޕާޓީތައް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށެވެ.