ޒިމްބާބްވޭގެ ސިޔާސީ މައިދާނުގައި ތިއްބެވި އިސް ބައެއް ބޭފުޅުން ވަކިކުރަމުންދާ މައްސަލައިގައި އެޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ، ރައީސް ރޮބަރޓް މުގާބޭއަށް އިންޒާރު ދެއްވައިފިއެވެ. އަސްކަރިއްޔާގެ ވެރިޔާ ކޮންސްޓެންޓީނޯ ޗިވެންގާ އަންގާރަ ދުވަހު ވެރިރަށް ހަރާރޭގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިކުރުމަށް މުގާބޭ ސިޔާސީ މައިދާނުގައި ތިއްބެވި އިސް ބޭފުޅުންނާއި ދެކޮޅަށް ހިންގަވާ އަމަލުތައް ހުއްޓާނުލައިފިނަމަ، އެމައްސަލައިގެ ތެރެއަށް އަސްކަރިއްޔާ ވަންނާނެކަމަށެވެ.
ޗިވެންގާގެ މި އިންޒާރު، ޒިމްބާބްވޭގެ ސަރުކާރުގެ މީޑީއާތަކުން ކަވަރކޮށްފައިނުވާއިރު، އިދިކޮޅު ފަރާތްތަކާއި އަދި ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީއިންވަނީ މި އިންޒާރު ކުށްވެރިކޮށްފައެވެ. އިދިކޮޅު މޫވްމަންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖުން ބުނީ ޒިމްބާބްވޭގައި ބަޣާވާތެއް ގެންނަން އެޕާޓީއިން ބޭނުން ނުވާކަމަށެވެ. އަދި އެފަދަ ބަޣާވާތެއްގެ ސަބަބުން ޒިމްބާބްވޭގައި ޑިކޮމްރަސީ އިތުރަށް މަޑުޖެހި، ޤައުމަށް އޭގެ ގެއްލުންވާނެ ކަމަށް ބުނެފައިވެއެވެ.
ވެރިކަންކުރާ ޒާނޫ-ޕީއެފް އިން ބުނީ ޒިމްބާބްވޭގެ ވެރިއަކު އައްޔަންކުރުމުގެ ބާރު ޗިވެންގާއަށް ނުދޭނެ ކަމަށެވެ. އަދި ވެރިކަމާއި ދެކޮޅަށް އަސްކަރިއްޔާ ތެދުވެއްޖެނަމަ، ތުރުކީގެ ރައްޔިތުން މިދިޔަ އަހަރު ދެއްކިފަދަ މިސާލެއް ޒިމްބާބްވޭއިން ދައްކާނެކަމަށެވެ.
ޒިމްބާބްވޭގެ އަސްކަރިއްޔާގެ ވެރިޔާގެ މަޤާމުގައި ހުންނެވި ޗިވެންގާއަކީ ދާދިފަހުން ނައިބު ރައީސްކަމުގެ މަޤާމުން ދުރުކުރެވުނު އެމަރސަން އެމްނަންގަވާގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމްނަންގަވާ މަޤާމުން ދުރުކުރެވުނީ ރޮބަރޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ، އެމްނަންގަވާއާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާތީއާއި، އަދި ވެރިކަމަށް ވަޑައިގަތުމަށް ގްރޭސް މުގާބޭ ބޭނުންފުޅުވާތީއެވެ. ބެލެވޭ ގޮތުގައި މިއިންޒާރުތަކަށްފަހު ޗިވެންގާ އަސްކަރިއްޔާގެ ވެރިޔާގެ މަޤާމުން ދުރުކުރެވޭނެއެވެ. އެހެން ނަމަވެސް މުގާބޭއާއި އަސްކަރިއްޔާއާއި ދެމެދު މީގެ ކުރިން މިފަދަ ކުރިމަތިލުމެއް ނުހިނގާތީ މިކަން ދާނެ ގޮތެއް ބުނަން އުނދަގޫކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗިވެންގާ އާއި އެމްނަންގަވާގެ އިތުރުން މުގާބޭއަކީ އިނގިރޭސީންގެ އިސްތިއުމާރީ ބާރުން ޒިމްބާބްވޭ މިނިވަންކުރުމަށް އެއްކޮށް މަސައްކަތްކުރެއްވި ބޭފުޅުންނެވެ. އަދި މިދިޔަ ހަފްތާގައި މަޤާމުން ވަކިކުރުމާއި ހަމަޔަށް އެމްނަންގަވާއަކީ މުގާބޭގެ އެންމެ އަރިސް އެކެއްގެ ގޮތުގައި ފެނުނު ބޭފުޅެކެވެ.