އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ބުދަ ދުވަހުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާ ކޮށްފައި މިވަނީ ބަޖެޓްގެ ތަފްސީލް ރިޕޯޓް ގާނޫނުުގައި ބުނާ ތާރީހު ކަމަށް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ފޮނުވާފައި ނުވާކަމަށް ބުނެ އަޑުތައް ފެތުރުނު ފަހުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. ބުދަ ދުވަހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 11:00 ގައެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރު އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްދާއިރު މިހާތަނަށް ބޭއްވިފައި ވަނީ އެންމެ ހަ ޖަލްސާ އެވެ.
އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި އަހަރުގެ ބަޖެޓަށް ވުރެ ބޮޑު ވާނެއެވެ. އެ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ބިޔަ މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ފާސްކޮށް މި އަހަރަށް ކަނޑައަޅާފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅާ ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މި އަހަރު އާމްދަނީގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވެ އެވެ.