ބްރެޒިލްގެ ގައުމީ ޓީމުގެ އައު ރޮނާލްޑޯއަކީ ޒުވާން ފޯވާޑް ގެބްރިއެލް ޖީސަސް ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ އިނގިރޭސިވިލާތާއި ދެކޮޅަށް ބްރެޒިލް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކާމިޔާބު ޑިފެންޑަރު އަލްވޭސް ބުނެފައި ވަނީ، ޖީސަސްއަކީ ރޮނާލްޑޯއާއި އެއްފަދަ ސިފަތަކެއް ހުރި ކުޅުންތެރިޔެއް ކަމަށް ބުނެފައިވަނީ ޖޯކު ޖެހުމުގެ ގޮތުން ނޫން ކަމަށާއި އޭނާގެ ފަރާތުން ފެންނަމުން ދަނީ ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑޯއާއި އެއްފަދަ ހުނަރުތަކެއް ކަމަށެވެ.
ހަމައެހެންމެ އޭނާއަކީ މިހާރު ވެސް ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި އަދި މުސްތަގުބަލުގައި އޭނާގެ ފަރާތުން ފެންނާނީ އަދި މާ ތަފާތު އަދި މޮޅު ކުޅުމެއް ކަމަށެވެ. އަދި ޖީސަސްއަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ފުޓްބޯޅަ ކުޅުމަކީ ޖީސަސް އެންމެ ލޯބިވާ ކަން ކަމަށް އެނާ ބުނެފައިވާ ކަމަށް އަލްވޭސް ހާމަކޮށްފައިވެއެވެ.
މީގެއިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްވޭސް ބުނެފައިވަނީ، ޖީސަސް ފެންވަރުގެ ކުޅުންތެރިޔެއްގެ ފަހަތުގައި ރަނގަޅު ޓީމެއް އޮތުން މުހިންމު ކަމަށާއި އޭނާ ކަހަލަ ކުޅުންތެރިޔަކަށް މޮޅު ކުޅުން ދެއްކޭނީ ރަނގަޅު ޓީމެއްގައި ހުރެގެން ކަމަށެވެ. ހަމައެހެންމެ ޕަލްމެއިރާސް އިން އޭނާ މެންޗެސްޓާ ސިޓީއަށް ބަދަލުވިއިރު ވެސް އޭނާގެ ކިބައިގައި ހުރީ އެންމެ މޮޅެތި ކުޅުންތެރިންގެ ފަރާތުން ފެންނަ ސިފަތައް ކަމަށާއި އޭގެ ސަބަބުން ޕްރިމިއާ ލީގަށް ހޭނުމަށް އޭނާއަށް ވަރަށް ފަސޭހަ ވެގެންދިޔަ ކަމަށް އަލްވޭސް ބުނެފައިވެއެވެ.
ޖީސަސްއަށް އަލްވޭސް ތައުރީފް ކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ ހަފްތާގައި ޖަޕާން އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖަހާފައެވެ. މި ލަނޑާއެކު އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް އަށް ލަނޑު ޖަހައިދީފައެވެ.
ޕަލްމެއިރާސްއިން ކެރިއަރު ފެށި ޖީސަސް އަންނަނީ ސިޓީއަށް ބަދަލުވުމަށްފަހު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ސިޓީއަށް ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގައި ހަތް ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕުގައި ވާދަކުރާ ބްރެޒިލްގެ ޓީމުގައި ޖީސަސް މުހިންމު ރޯލެއް އަދާކުރާނެއެވެ.
ބްރެޒިލްގެ ޓީމަށް އައު ރޮނާލްޑޯއަކު ލިބިފައިވާ ކަމަށް އަލްވޭސް ބުނެފައިވާއިރު، ބްރެޒިލްގެ ރޮނާލްޑޯއަކީ އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ އެ ޓީމަށް ކުޅުނު 98 މެޗުގައި 62 ލަނޑު ޖަހައިދީފައެވެ. އަދި އޭނާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.
ޖީސަސްއަށް ގައުމީ ޓީމާއެކު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ލިބުން ކަމަށްވާއިރު ރޮނާލްޑޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމައެކު ދެ ވޯލްޑް ކަޕުގެ އިތުރުން ދެ ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ތިން ފަހަރެއްގެ މަތިން ހޯދާފައެވެ.