ޖާނޫން ފިދާވެގެން ދިވެހިރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ދައުވާ ކޮށްފައިވަނީ އިސްހާގު އަލީ ކިޔާ މީހަކާއި، ހުސައިން އަފީފު ކިޔާ މީހެއްގެ މައްޗަށެވެ. އެ ދެ މީހުންގެ ނަން ހާމަކުރި ނަމަވެސް، އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް އޮފިޝަލު ނުދެއްވަ އެވެ.
އިސްހާގު އަލީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމުގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި ހުސައިން އަފީފުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތައް އުފުލާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓެރަރިސްޓު ހަމަލާއެއް ދިނުމަށް އެ މީހުން ރޭވީ އިސްލާމިކް ސްޓޭޓް(އައިއެސް) ޖަމާއަތާ ގުޅިގެންނެވެ. އެކަމަށް ބާރުދޭ ހެކިތަކެއް އެ މީހުންގެ މޯބައިލް ފޯނުން ފުލުހުންނަށް ފެނިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޖާނުން ފިދާވެގެން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުވާކުރިއިރު، މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާ ދޭން އުޅުނު ކަމަށް ބުނާ މައްސަލައެއްގައި ޖުލައި މަހުގެ ތެރޭގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރި އެވެ.