ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި އުކާލުމުގެ ފީ އޮންލައިންކޮށް ދެއްކޭ ގޮތަށް ހަދައިފި އެވެ.
ވެމްކޯގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވީ އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން ވެމްކޯގެ ބިލު ދެއްކުމަށް ދާން ޖެހެނީ އެކުންފުނީގެ އޮފީހަށް ނުވަތަ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެ ކުންްފުނީގެ ސައިޓަށެވެ.
ވެމްކޯއިން ބުނީ އޮންލައިކޮށް ފައިސާ މިހާރު ބަލައިގަންނަން ފެށި ނަމަވެސް، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެ އޮފީހުގައި ސައިޓުން ވެސް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވެމްކޯއިން ބުނީ އިންޑަސްޓްރިއަލް ވިލެޖުން ފައިސާ ބަލައިގަންނަމުން ދާނީ ރަސްމީ ދުވަހު ހެނދުނު 09:00 އިން ފެށިގެން 15:00 އަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 14:00އަށް ފައިސާ ބަލައިގަންނަމުންދާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.
ވެމްކޯ އިން ބުނި ގޮތުގައި އޮންލައިންކޮށް ފައިސާ ދެއްކޭނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން ވެބްސައިޓުގެ މެއިން ޕޭޖުގައި އިންނަ، އޮންލައިންކޮށް ބިލު ދައްކާ ބެނާ އަށް ގޮސް، އައިޑީ ކާޑު ނަމްބަރު ޖެހުމުން އެ މީހެއްގެ އެކައުންޓު ފެންނާނެ އެވެ.
ގޭގެއަށް ގޮސް ކުނި އުކާލުމުގެ ހިދުމަތް ރަސްމީކޮށް މާލެ ސިޓީގައި ފަށާފައިވަނީ މިދިއަ އޮގަސްޓް މަހު އެވެ.