ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ 20 ގައިދީއަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދަބު ލުއިކޮށްދެއްވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން، ބަޔަކަށް އަދަބު ލުއިކޮށްދިނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
ރައީސް ޔާމީން ވެސް މީގެކުރިން ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން ޖަލުގެ އުސޫލްތަކާއި އެއްގޮތަށް އަދި ރަނގަޅަށް އުޅޭ ގައިދީންނަށް އަދަބު ލުއިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރަމަތަ ބުރުގައި އަދަބު ލުއިކޮށްދީފައިވާ 20 ގައިދީން ދޫކުރަން ފަށާފައިވަނީ ހޯމަ ދުވަހު ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ އަދަބު މައާފް ކޮށްދިނީ ނޫން ކަމަށާއި އަދަބު ލުއިކޮށްދިނީ ކަމަށެވެ. އެގޮތުން ގައިދީން ފުރަތަމަ ދޫކުރާނީ ގޭ ބަންދަށް ކަމަށާއި އެއްބަސްވެވޭ އެއްބަސްވުމާއެއްގޮތަށް ގައިދީން އަމަލުކުރާނަމަ، އޭގެފަހުން ރަށު ބަންދަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އޭގެ ފަހުންވެސް އެއްބަސް ވެފައިވާ އެއްބަސްވުމާއެއްގޮތަށް، ރަނގަޅަށް އުޅޭނަމަ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އަބަދު މައާފް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހެދުމަށް ފަހު މިހާރު ދަނީ އަމަލު ކުރަމުންނެވެ.
އެ ގަވައިދަކީ ޖިނާއީ ކުށަކާ ގުޅިގެން ހުކުމެއް ކޮށްފައިވާ މީހާގެ އުމުރަށް ބަލައި ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމަށް މީހެއްގެ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ރައީސް ބޭނުން ކުރާނެ ގޮތުގެ އުސޫލެވެ.
އެ އުސޫލުގެ ދަށުން އަދަބު ލުއިކޮށްދެވޭނެ ގިންތިތަކަކީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުމާއި، އަދަބުގެ މުއްދަތު ކުރުކޮށްދިނުމާއި، އެމީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާއި ގުޅިގެން އެއަށް ވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއްކަމުގައިވާނަމަ، އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަކަށް، އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، މައާފު ކޮށްދީގެން ނުވާނެ ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޓެރަރިޒަމްގެ ކުށްތައް ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ. އެކަމަކު އެ ފަދަ ކުށްތަކުގައި ޖަލަށްލާފައި ތިބޭ މީހުންގެ އަދަބު ލުއިކޮށްދޭން ގާނޫނުން ހުރަހެއް ނެތެވެ.