ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އިނގިރޭސިވިލާތުގެ ލަންޑަން އިން ގެއެއް ބައްލަވައިގަނެފި އެވެ.
މިކަމާ ގުޅޭ ގޮތުން މުހައްމަދު ނަޝީދު ވިދާޅުވީ، ޒާތީ ދިރިއުޅުމުގެ ކަންކަން މިފަދަ ގޮތަކަށް ހާމަކުރަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ މައުލޫމާތެއް ކަމާ ގުޅޭ އިދާރާއަކުން އޮޅުން ފިލުވަން އެދޭ ކަމުގައިވާ ނަމަ އެ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށެވެ.
ކާނަލް ނަޝީދު ވިދާޅުވީ، އޭނާއަކީ ވިޔަފާރިވެރިއަކަށްވާ އިރު ރާއްޖޭގައި ނޫނަސް އެނޫން ގޮތް ގޮތަށް ވެސް އޭނާގެ ވިޔަފާރި އެކި ދާއިރާތަކަށް ފުޅާ ކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން އެހެން ގައުމުތަކުގައި ވެސް ވިޔަފާރީގެ މަސައްކަތްތައް ފެށުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދައުލަތުގެ އެއްވެސް މަގާމަކާއި މިވަގުތު ހަވާލުވެގެން ހުރި މީހެއް ނޫން. އަޅުގަނޑަކީ ކުރިން ވެސް ދައުލަތުގެ ފައިސާއާ ބެހޭ އެއްވެސް ކަމެއްގައި ހަވާލުވެ ހުރި މީހެއް ނޫން،" ކާނަލް ނަޝީދު ވިދާޅުވި އެވެ.
ކާނަލް މިހެން ވިދާޅުވެފައިވާ އިރު ޚަބަރުތައް ފެތުރޭ ގޮތުގައި ސައުތު ވެސްޓް ލަންޑަން އިން 2.8 މިލިއަން ޕައުންޑަށް ވަނީ ގެއެއް ބައްލަވައިގެންފަ އެވެ.
ކުރިން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ކާނަލް ނަޝީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރި ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ނަޝީދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް އޭނާ އެ މަގާމަށް އައްޔަންކުރައްވާފައެއް ނުވެއެވެ.