ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 12:15
އައުޝަން ލަތީފް
އައުޝަން ލަތީފް
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީގެ ސީއީއޯ މަގާމަށް އައުޝަން ލަތީފް އައްޔަން ކޮށްފި
އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީން މާސްޓަރ އޮފް ފައިނޭންސް ހާސިލްކޮށްފައިވޭ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީގެ ސީއީއޯ މަގާމަށް އައުޝަން ލަތީފް އައްޔަން ކޮށްފިއެވެ. 

ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު ސީއީއޯގެ މަޤާމަށް އައުޝަން އައްޔަންކުރީ އެ މަޤާމަށް އިއުލާންކޮށް ހޮވާލެވުނު ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހުއެވެ.

އައުޝަން ލަތީފަކީ 2016 ވަނަ އަހަރު، އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީން މާސްޓަރ އޮފް ފައިނޭންސްގެ ރޮނގުން މަތީ ތަޢުލީމް ޙާސިލްކޮށް، އޮސްޓްރޭލިޔާގެ ފައިނޭންސް ދާއިރާގެ ކުންފުނިތަކުގައި މަސައްކަތްކޮށް މިދާއިރާއިން ތަޖުރިބާ ހޯދާފައިވާ ފަރާތެކެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ޒަރީޢާއިން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާ އެކު ގުޅުވާލައި، ކެޕިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ކޮންމެ ރައްޔިތަކަށްމެ ފަހިކޮށްދިނުމެވެ.

މިގޮތުން މިއަހަރު ތެރޭގައި މޯލްޑިވްސް ސެކިއުރީޓސް ޑިޕޮސިޓަރީން ތަޢާރަފުކުރި "އިންފިނިޓީ" ޕޯޓަލް އިތުރަށް ތަރައްޤީކޮށް،  އެ ޕޯޓަލްއިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުންފުނިން ދަނީ ކުރަމުންނެވެ. އަދި އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް މިވަގުތު މާކެޓްގައި ކުރިއަށްދާ އެމްޓީސީސީގެ ރައިޓްސް އިޝޫއަށް ސަބްސްކްރައިބްކުރުމުގެ ޚިދުމަތް މިހާރު ވެސް ކުންފުނިން ފޯރުކޮށްދެމުން އެބަގެންދެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު ސީއެމްޑީއޭ އިން ލައިސަންސްދީފައިވާ ދެފުށް ފެންނަ އުސޫލުން ކުންފުނިތަކަށާއި އާންމުންނަށް ހިއްސާގެ ބާޒާރުގެ ޚިދުމަތްފޯރުކޮށްދޭ ކުންފުންޏެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި މިހާތަނަށް ނުވަ ކުންފުންޏެއް ވަނީ ލިސްޓުކޮށްފައެވެ.

- ކޮމެންޓް