ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިޔާއިން ރަޝިއާ އާއި އެމެރިކާގެ ފައުޖުތައް ބޭލުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން ގޮވާލައްވައިފިއެވެ.
ރައީސް އޮރްދޮޣާން މިހެން ވިދާޅުވެފައި ވަނީ ސީރިޔާގެ މައްސަލައަށް އަސްކަރީ ހައްލެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޕޫޓިންއާ ބައްދަލު ކުރެއްވުމަށް ރަޝިއާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސާޗީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން އޮރްޣާން ވަނީ "އަޅުގަނޑަށް މިއުޅެނީ އުނދަގޫވެގެން އެވާހަކަ ފަހުމުވާން" ކަމަށެވެ.
ރަޝިއާ އާއި އެމެރިކާގެ ރައީސުންނަށް ނިސްބަތްކުރައްވައި އޮރްދޮޣާން ވަނީ އަސްކަރީ ހައްލެއް ނުލިބޭނެކަން އެނގޭ ނަމަ އެ ދެ ގައުމުގެ ފައުޖުތައް ނުބާލުވައި ތިއްބަވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި ސިޔާސީ ހައްލެއް ހޯދުމަށް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާ ކަމަށް އޮރްދޮޣާން ވިދާޅުވިއެވެ.
ވިއެޓްނާމްގައި މި މަހުގެ 10 އިން 11 އަށް ކުރިޔަށްދިޔަ އޭޝިއާ-ޕެސިފިކް ސަމިޓްގެ ހަވާސާގައި ރައީސް ޕޫޓިން އާއި ޓްރަމް ވަނީ ސީރިޔާގެ މައްސަލައަށް އަސްކަރީ ހައްލެއް ނެތް ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. ކްރެމްލިން އިން ވަނީ އެކަމާ ބެހޭ ގޮތުން ބަޔާނެއް ވެސް ނެރެފައެވެ.
މީގެ އިތުރުން އެ ގައުމުތަކުން ވަނީ ސީރިޔާގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ. އިން އިސްނަގައިގެން ޖެނީވާގައި ބާއްވާ ވާހަކަތަކުގައި ބައިވެރިވުމަށް، މައްސަލައިގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ގޮވާލާފައެވެ.
ސީރިޔާގެ ރައީސް ބައަޝާރުލް އަސަދުގެ ސަރުކާރަށް ވާގިދޭ މައި ފަރާތަކީ ރަޝިއާ ކަމަށްވާއިރު ސީރިޔާ ސަރުކާރާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަކުރަމުންދާ ކުރުދީ ވައިޕީޖީ ފައުޖުތަކަށް އެއްބާރުލުން ދެނީ އެމެރިކާ އިންނެވެ.
ރައީސް އޮރްދޮޣާން ވަނީ ރަޝިއާ އަދި އެމެރިކާއިން ވެސް އެ ގައުމުތަކުގެ ފައުޖުތައް އަވަސް ގޮތެއްގައި ސީރިޔާއިން ނުބާލާނެ ކަމަށް ވިދާޅުވެފައެވެ.
"އެމެރިކާއިން ބުނި އިރާގު ވެސް އެއްކޮށް ދޫކޮށްލާނެ ކަމަށް، އެކަމަކު އެކަމެއް ނުކުރޭ" އޮރްދޮޣާން ވިދާޅުވިއެވެ.