މާލޭ ލޯކަލް މާރުކޭޓްގެ ގޮޅިތައް ހުސްކުރަން ހައުސިންގ މިނިސްޓްރީން އަންގާފައިއެވެ.
ގޮޅިތަކުގެ ވެރިންނަށް ހައުސިން މިނިސްޓްރީން އާދީއްތަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ، ތިން ދުވަސް ތެރޭގައި ގޮޅިތައް ހުސްކުރަންޖެހޭނެ ކަމަށެވެ. ގޮޅިތައް ހުސްކުރަން އެންގީ އެތަންތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ނޮވެމްބަރު 13 ވަނަ ދުވަހަށް ހަމަވެފައިވާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ހައުސިން މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ދީފައިވާ މުއްދަތުގެ ތެރޭގައި ގޮޅިތައް ހުސް ނުކޮށްފި ނަމަ، އެ މިނިސްޓްރީގެ ފަރާތުން މީހުން ގޮސް ގޮޅިތައް ހުސްކުރާނެ ކަމަށެވެ. އެގޮތަށް ގޮޅިތައް ހުސްކުރާއިރު، ގޮޅުތަކުގައި ހުރި މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެ ކަމަށް ވެސް އަންގާފައިވެ އެވެ.
ހައުސިން މިނިސްޓްރީގެ އެންގުމާ ގުޅިގޭ ގޮތުން ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ހައުސިން މިނިސްޓްރީން އަމަލުކުރަމުން ދަނީ ގަވައިދާ ހިލާފަށެވެ.
މީގެ ކުރިން ވެސް ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ އެއްބަސްވެގެން، ގޮޅިތައް ހުސްކުރަން އަންގައިގެން ގޮޅިތައް ހުސްނުކުރުމުން ބައެއް ގޮޅިތައް ހުސްކުރުވީ ފުލުހުން ގޮސްގެންނެވެ.