މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ގަލޮޅުގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގައި ވަޅިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ދައުވާ އުފުލާފައިވާ ދެމީހުންނަކީ އަނަސްގެ މަރުގެ މައްސަލާގައި ފިލައިގެން އުޅެނިކޮށް އަތުލައިގަތް ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒެވެ.
މީގެ އިތުރުން އެމީހުންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ކްރިމިނަލް ކޯޓްގައި ތާވަލު ކޮށްފައެވެ.
އަފްރާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު ޝާޒްގެ މައްޗަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މި މައްސަލައިގައި އިތުރު ހަ މީހެއްގެ މައްޗަށް މިހާރުވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ އަނަސް މަރާލީ އެހެން މީހެއް ކަމަށް ހީކޮށް އޮޅިގެން ދިން ހަމަލާއެއްގައި ކަމަށެވެ.