އިނިގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލެސްޓާ ސިޓީގެ ވެރިންނާ ދެކޮޅަށް ތައިލޭންޑުގެ ސަރުކާރުން މައްސަލަ ހުށަހަޅައިފިއެވެ.
ލެސްޓާ ސިޓީގެ އޯނަރުން ކަމަށްވާ ކިންގް ޕަވާ އިންޓަނޭޝަނަލް ގުރޫޕާއި ދެކޮޅަށް ތައިލޭންޑުގެ ސަރުކާރުން ވަނީ 323 މިލިއަން ޕައުންޑް ހޯދުމަށް ބެންކޮކްގެ ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2006 ވަނަ އަހަރު ކިންގް ޕަވާއަށް ހިންގަން ހަވާލުކުރި ތައިލޭންޑުގެ ޑިއުޓީ ފްރީ ފްރެންޗައިސްއިން އެ ގައުމުގެ ސަރުކާރަށް ލިބެންޖެހޭ 323 މިލިއަން ޕައުންޑް އެ ކުންފުނިން ސަރުކާރަށް ދައްކާފައެއް ނުވެއެވެ. އެގޮތުން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ބެންކޮކްގެ ކްރިމިނަލް ކޯޓުން ވަނީ މި މައްސަލަ ބަލައިގަނެފައެވެ.
މި މައްސަލައިގައި ތައިލޭންޑުގެ ސަރުކާރުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި އޮންނާނެ ކަމަށް އެ ކޯޓުން ވަނީ ހާމަކޮށްފައެވެ. ކިންގް ޕަވާ އާއި ދެކޮޅަށް މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވެއެވެ.
ކިންގް ޕަވާގެ އިސްވެރިންނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އެ ކުންފުނީގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެއާޕޯޓްސް އޮފް ތައިލޭންޑް (އޭއޯޓީ) ގެ އިސްވެރިންނާއި ދެކޮޅަށް ވެސް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ރީޓެއިލް ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ ކިންގް ޕަވާއަކީ 1989 ވަނަ އަހަރު ވިޗައި ސްރިވަދަނަޕްރަބަހާ އުފެއްދި ކުންފުންޏެކެވެ. އެ ކުންފުންޏަށް ތައިލޭންޑުގެ ޑިއުޓީ ފްރީ ފްރެންޗައިސް ހިންގުމަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި އެ ކުންފުނިން ވަނީ މިދިޔަ އަހަރު ތައިލޭންޑުގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ 'ތައި އެއާ އޭޝިއާ' ގެ ވެސް 39 އިންސައްތަ ހިއްސާ ގަނެފައެވެ.
ސްރިވަދަންޕްރަބަހާގެ ރައުސުލްމާލުގައި 4.9 ބިލިއަން ޑޮލަރު ހުރިއިރު އޭނާ ލެސްޓާ ސިޓީ ގަނެފައިވަނީ 2010 ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ 39 މިލިއަން ޕައުންޑަށް ގަނެފައިވަނީ އެ ޓީމުގެ 49 އިންސައްތަ ހިއްސާއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކޮށްގެން ލެސްޓާ ސިޓީއަށް އެތަކެއް ފައިސާއެއް ލިބެމުންދާއިރު މި ފައިސާ ހަރަދުކުރެވޭ ގޮތުގެ ތަފްސީލެއް ކިންގް ޕަވާއިން އާންމުކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު ސިއްސުވާލައި އެ ކްލަބުން ވަނީ 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ.