ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު މުނާ ގޭގައި މަޑުކުރަން އަންގައި، އަލުން އޮފީހަށް ނިކުތުމަށް އަންގާފައި ނުވުމުން، އޭނާ ކުރިން ވަޒީފާ އަދާކުރި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވަޒީފާއަށް ނިކުމެއްޖެ އެވެ.
އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ޔޫތު މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވި ފާތުމަތު މުނާ ގޭގައި މަޑުކުރަން އަންގާފައިވަނީ ވެސް ހަމަ އެހަފްތާގެ ތެރޭގަ އެވެ. ގޭގައި މަޑުކުރަށް ޔޫތު މިނިސްޓްރީން މުނާއަށް އެންގީ ކޮން ސަބަބަކާ ހުރެކަމެއް ކަމާބެހޭ އެއްވެސް ފަރާތަކުން މިހާތަށް ހާމަކޮށްފައެއް ނުވެއެވެ.
ސިވިލް ސާވިރސް ކޮމިޝަންގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައި ވަނީ މުނާގެ މައްސަލައެއް އެ ކޮމިޝަންއަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.
ބައެއް މީޑިއާތަކަށް މުނާ މައުލޫމާތު ދެއްވައިފައިވާ ގޮތުގައި ގޭގައި މަޑުކުރަން ޔޫތު މިނިސްޓްރީން އޭނާއަށް އެންގުމުން، އޭނާ އަމިއްލަ އަށް އިސްތިއުފާ ދެއްވީ އެވެ. އަދި އެމްއެމްސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ހަމަޖެއްސީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މުނާ ކުރިން ހުންނެވި އެމްއެމްސީގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. މުނާ މިހާރު އެހުންނެވީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.
މުނާ ވަނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ. އަދި އަދި ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގެ ދާއިރާ އިން ތައުލީމު ހާސިލް ކުރުމުގެ އިތުރުން ލީޑާޝިޕް އެންޑް އޮފީސް މެނޭޖްމަންޓް ރޮނގުން ވެސް ތަޢުލީމް ހާސިލް ކުރައްވަފައިވާފައިވެއެވެ.
މުނާގެ ސަރުކާރުގެ ހިދުމަތް ފައްޓަވާފައި ވަނީ 2005 ވަނަ އަހަރު ގއ. އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ މަގާމުންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އެކި މަގާމުތައް ފުރުއްވާފައެވެ.