ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މަހާ ޖައްރާފުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައިވެ އެވެ. އަދި ކުޅުދުއްފުށީ އެއަރޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައި ދެއްވާފަ އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއަރޕޯޓްގެ މަސައްކަތް 2018 ވަނަ އަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
އެމްޓީސީސީ އިން އިފްތިތާހުކުރި މަހާ ޖައްރާފަކީ އީޒީ ޑްރެޖު ސީރީޒްގެ އެންމެ ބޮޑު ޑްރެޖަރެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގެ ޑްރެޖިންގ އިކުއިޕްމެންޓް ހިމެނޭ ގޮތަށް ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގޭ ގޮތަށް ފަރުމާކުރެވިފައިވާ ޑްރެޖަރެކެވެ.
މަހާ ޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމުގައި ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ބިން ހިއްކުމުގެ ގާބިލުކަން މި އުޅަނދުގައި ގާއިމް ކޮށްފައިވާކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.