ސިލޯން
|
14 ނޮވެންބަރ 2017 | އަންގާރަ 17:00
ޤަތަރުގެ ވެރިރަށް ދޯހާ
ޤަތަރުގެ ވެރިރަށް ދޯހާ
ތައުޒަން ވޮންޑާޒް
ޤަތަރު - ޔޫއޭއީ
ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ
ޤަތަރަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމު
ފައިސާގެ އަގު ވެއްޓިއްޖެނަމަ ޤަތަރުގެ ރިޒާވްތައް ދަށްވެ، ޤައުމުގެ އިޤްތިޞާދަށް އަސަރުކުރާނެ

ޤަތަރުގެ ފައިސާގެ އަގު ދަށްކޮށް، އެޤައުމުގެ ދަރަނި ބޮޑުކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަޑީގައި އޮވެގެން ރޭވުންތަކެއް ރޭވިކަމަށް ބުނާ މައްސަލަ ޤަތަރުން ބަލަން ފަށައިފިއެވެ.

ޤަތަރުގެ ސަރުކާރުން ބުނީ ލަގްޒެމްބަރގްގެ ބޭންކް ހާވިލަންޑުން ތައްޔާރުކުރި ޕްލޭންގެ މައްސަލަ ފެންމަތިވުމުން، އެއީ ހަޤީގަތެއްތޯ ބެލުމުގެ މަސައްކަތް ރަސްމީކޮށް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިމައްސަލަ ބެލުމުގައި ޤަތަރުގެ މަރުކަޒީ ބޭންކާއި އެހެނިހެން އިދާރާތަކުން ބައިވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޔޫއޭއީއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު ޔޫސުފް އަލް އުޠައިބާގެ އީމެއިލް އެކައުންޓުން ލީކްވި ކަމަށް ބުނާ ޑޮކިއުމަންޓްތަކެއްގެ ތެރެއިން އާއްމުވި މި ޕްލޭންގައިވާ ގޮތުން ޤަތަރުގެ އިޤްތިޞާދަށް އެކިއެކި ގޮތްގޮތުން ހަމަލާދީ، އެޤައުމުގެ އިޤްތިޞާދު ކައިރި މުސްތަޤްބަލެއްގައި އެއްކޮށް ފުނޑާލަން ޔޫއޭއީއިން ރޭވިއެވެ. މި ޕްލޭނަކީ މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ޕްލޭނެއްކަމާއިމެދު ސުވާލު އުފެދޭކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނިނަމަވެސް، ޤަތަރުން ދަނީ އެމައްސަލަ ތަހުޤީގު ކުރަމުންނެވެ. އަދި ދާދިފަހުން މާލީ ޚިދުމަތްދޭ އިދާރާއަކުން ޤަތަރުގެ ފައިސާ ބޭނުންކުރުން ހުއްޓާލިކަމަށާއި، އެހެން ނަމަވެސް ޤަތަރު ސަރުކާރުން އެފަރާތާއި ވާހަކަ ދައްކައިގެން މިހާރު އެމައްސަލަ ވެސް ހައްލުކޮށްފައިވާ ކަމަށް ޤަތަރުގެ ސަރުކާރުން ބުނެއެވެ.

ލީކްވެފައިވާ ޕްލޭންގައިވާ ގޮތުން ޤަތަރަށް ދިމާވާ މާލީ މައްސަލަތަކުގެ ނާޖާއިޒު ފައިދާ ނަގައި، 2022ވަނަ އަހަރުގެ ވޯލްޑް ކަޕް ޤަތަރުން ޔޫއޭއީއަށް ބަދަލުކުރުމުގެ ކެމްޕޭނެއްވެސް ޔޫއޭއީއިން ފަށާނެއެވެ.

ޔޫއޭއީއާއި ޤަތަރަކީ ގަލްފްގެ މުއްސަނދި ދެޤައުމުކަމަށް ވާއިރު، ޔޫއޭއީއަކީ ސަޢޫދީއާއި ބައިވެގެން ޤަތަރާއި ގުޅުން ކަނޑާލި އެއް ޤައުމެވެ.

- ކޮމެންޓް