މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ހއ. އިހަވަންދޫ ގުޑްލަކް މުހައްމަދު އިމްޔާނު އެވެ. އުމުރަށް ޖަލަށް ލުމުގެ އިތުރުން އެއްލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެސް ވެ އެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.
މުހައްމަދު އިމްޔާނުގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ، އިހަވަންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2013 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ލައިގެން ހުރި ސޯޓުގެ ވާތްފަރާތު ޖީބުން މަސްތުވާތަކެތި އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު މައްސަލައިގަ އެވެ.
އޭނާގެ ޖީބުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 23.79 ގްރާމް ހުރި ކަމަށް އެތަކެތީގެ ތަހުލީލީ ރިޕޯޓުގައި ބުނެފައިވެއެވެ.
އިމްޔާނުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.