އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާ ޖަމިއްއްޔާއެއް ކަމަށްވާ އިކޯކެއާއިންނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އީކޯކެއާގެ ވަކީލް ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓް ތަަރައްގީ ކުރުމާ ގުޅޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފުތާތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުން ބަލައިގަނެފައިވާ ކަމަށް އީކޯކެއާގެ ވަކީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށި މަށި ކުޅި ހިއްކައިގެން އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އީޕީއޭއިން އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓާއި އަދި އެންވަޔަރަމެންޓް މިނިސްޓްރީން އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލްތަކާއި ހިލާފަށް ކަމަށެވެ.
އެގޮތުން އެއާޕޯޓު ހެދުމަށް ބިން ހިއްކުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އީއައިއޭ ރިޕޯޓުގައްޔާއި މިނިސްޓްރީގެ ގަވައިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެކަން ފުރިހަމަ ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އީކޯކެއާގެ ވަކީލް ވިދާޅުވިއެވެ.
އީކޯކެއާގެ ވަކީލް ވިދާޅުވި ގޮތުގައި މައްސަލައިގައި އެދިފައި ވަނީ އީޕީއޭއިން އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓާއި އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ގަވައިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާތީ އެކަން ހުއްޓުވައިދިނުމަށެވެ. އަދި ސިވިލް ކޯޓަށް އެ ޖަމުއިއްޔާއިން ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.
މީގެއިތުރުން ވަކީލް ވިދާޅުވީ އީކޯކެއާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެމްޓީސީސީ އާއި ރީޖަނަލް އެއާޕޯޓްސްއާ ދެކޮޅަށް ވެސް ހުށަހެޅުމަށް މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް ގާނޫނާއި ގަވައިދަށް ބަލާއިރު އެ މައްސަލަ އެ ދެ މުއައްސަސާއާ ދެކޮޅަށް ހުށަހެޅެން ނެތް ކަމަށް ވަކީލް ވިދާޅުވިއެވެ.
އީކޯކެއާގެ ފަރާތުން ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އާދިއްތަ ދުވަހު އިފްތިތާހު ކޮށްދެއްވާފައެވެ.