ޣިޔާސުއްދީން ސްކޫލު ކުދިންނަށް ހާއްސަކޮށްގެން އެސްކޫލުން ކެރިއަރ ގައިޑެންސް އާއި ކައުންސިލިންގ ފޯރުކޮށްދޭން ވެބްސައިޓެއް ތައާރަފުކޮށްފި އެވެ.
ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، ސްކޫލު ކުދިންނަށް ކެރިއަރ ގައިޑެންސް ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މިހާތަނަށް ކެރިއަރ ގައިޑެންސް ފޯރުކޮށްދެނީ ފެޔަރ ތަކުންނާއި ވަކިން ނަގާދޭ ސެޝަން ތަކުން ކަމަށެވެ. ޣިޔާސުއްދީން ސްކޫލުން މިފަދަ ވެބްސައިޓެއް ހުޅުވާލުމަކީ އެ ސްކޫލުގެ ކުދިންނަށް ލިބިގެންދާނެ ވަަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ ފުރުސަތުތަކުގެ ތެރެއިން ކުދިންނަށް ސްކޫލު ނިންމުމަށް ފަހު، ކުރިއަށްދާނެ މަގު ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ، ސްކޫލުގެ ކިޔެވުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމުގެ ގޮތުން އަލަށް ތައާރަފް ކުރެވުނު ވެބްސައިޓުން ވަރަށް މުހިއްމު މައުލޫމާތުތަކެއް ކިޔަވާ ކުދިންނަށް ލިބިގެންދާނެ ކަމަށެވެ.
ތޯހާ ވިދާޅުވީ، އާންމުގޮތެއްގައި އަހަރުގެ އެކި ހިސާބުތަކުގައި ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ކެރިއަރ ގައިޑެންސްއާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ސެޝަން ބޭއްވި ނަމަވެސް އެކުދިންނަށް އެންމެ އެކަށީގެންވާ މައުލޫމާތުތައް އެންމެ ފުރިހަމައަށް ފޯރުކޮށް ނުދެވޭ ކަމަށެވެ.
އެގޮތުން ސްކޫލު ކުދިންނަށް ސްޓްރީމްތަކާއި އޮޕްޝަނަލް މާއްދާތައް ނެގުމުގައި މިފަދަ މައުލޫމާތުތަކެއް ލިބެން ހުރުމުން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣިޔާސުއްދީން ސްކޫލުން ވަނީ އެސްކޫލުގެ ކުދިންނަށް ޓެކްސްޓް ފޮތްތައް އޮންލައިންކޮށް ބޭނުން ކުރެވޭނެ މަގު ފަހިކޮށްދީފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެ ފުރުސަތު ލިބިގެންދާނެ ކަަމަށް ސްކޫލުން ބުނެ އެވެ. ފުރަތަމަ އެފުރުސަތުގެ ތެރެއިން އޮންލައިންކޮށް ޓެކްސްޓް ފޮތްތައް ލިިބިގެންދާނީ ސެކަންޑްރީ ތައުލީމު ހާސިލު ކުރާ ކުދިންނަށެވެ.