ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރަންޖެހުނީ ޝަރީއަތަށް ހާޒިރުވާނެ ދައުލަތުގެ ވަކީލެއް ނެތިގެންނެވެ. މި ދައުވާގެ އަޑުއެހުންތަކަށް ދައުލަތުގެ ފަރާތުން ދެ ވަކީލަކު ހާޒިރުވަމުން ދިޔައިރު، އޭގެ ތެރެއިން އެއް ވަކީލަކު މިހާރު ހުރީ ރަސްމީ ދަތުރެއްގައި ރާއްޖެެއިން ބޭރުގަ އެވެ.
އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކޯޓުން އެންގީ 11:45 ހާއިރު އެވެ.
ހޯމަ ދުވަހުގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހަޅަން ބާއްވަން އުޅުނު އަޑުއެހުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ މި ދައުވާގެ އަޑުއެހުމެއް މިމަހުގެ 7 ވަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ. އެހެން ނަމަވެސް، ދައުވާގެ ލިޔެކިޔުންތައް ދިރާސާކުރުމުގެ ފުރުސަތު ފާރިސްގެ ވަކީލުންނަށް ދިނުމުގެ ގޮތުން އެ އަޑުއެހުން ވެސް ވަނީ ކުރިއަށް ނުގެންގޮސް ނިންމާލާފަ އެވެ.