ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް "އުދުހޭ" ނަމުގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއަށް އެހެން ރަށްރަށުން ގާތްގަނޑަކަށް 1000 މީހުން ގެންދިޔަ ކަމަށް، އެ ރަށުން މައުލޫމާތު ދީފި އެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ ރަށުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއަށް ހއ، ހދ، ށ، ނ، ރ. އަދި ބ. އަތޮޅުން މީހުން ގެންދިޔަ އެވެ.
"މުޅިން ފެނިގެން ދިޔައީ މިރަށުގެ މީހުންނެއް ނޫން. އެތައް ބަޔަކު އައި، ހިލޭ ދަތުރެއް ލިބޭތީ ވިޔަފާރި ކޮށްލައިގެން ދާން ވެސް. ގާތްގަނޑަކަށް ހާހަކާ ގާތްކުރާ އަދަދަކަށް އެހެން ރަށްރަށުން މީހުން އެރި،" ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ކިޔުމާއި ޝުކުރު އަދާކުރުމުގެ ގޮތުން ދަމާފައިވާ ބައެއް ބެނާތަކަކީ ކުޅުދުއްފުށީ ރައްޔިތުންގެ ޝުއޫރެއް ނޫން ކަމަށާއި އެބެނާތައް ގެންދިޔައީ މާލެއިން ކަމަށް ވެސް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި "ވައުދުތައް ފުއްދައިފި ކަމަށް ގަބޫލުކޮށްފި" ލިޔެފައިވާ ބެނާއަކީ މާލެއިން ގެންދިޔަ ބެނާއެކެވެ.
"މިފަދަ ފަސްވަރަކަށް ބެނާ މާލެއިން ގެނައި. އެކަމާ ރަށުގެ ބައެއް މީހުން ތިބީ ހިތްހަމަ ނުޖެހިފައި،" އޭނާ ބުންޏެވެ.
ވައުދުތައް ފުއްދިއްޖެ ކަމަށް ބުނުމަކީ، "މީހަކާ ކައިވެނި ނުކޮށް ކައިވެނިކޮށްފީމޭ ބުނުން" ފަދަ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އުދުހޭ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިފަހަރު ކުޅުދުއްފުށި ރައީސް އަބްދުﷲ ޔާމީނަށް ކީވަރުގެ މަރުހަބާއެއް ތާރީޚުގައި އެހެން ރައީސަކަށް އެރަށުން ކިޔާފައި ނުވާ ކަމަށެވެ.