ސިންގަޕޫރުގެ ހައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ޖޫރިމަނާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޝިދު ޖޫރިމަނާ ކޮށްފައިވަނީ ސިންގަޕޫރުގެ ހައި ކޯޓަށް ހާޒިރުވާން ކުރި އަމުރަކާ ޚިލާފުވެވަޑައިގެން، ކޯޓަށް ހާޒިރުވެވަޑައިގަނެފައިނުވާ ކަމަށް ބުނެ އެވެ.
ކޯޓަށް ހާޒިރުވާން ނާޝިދަށް އެންގީ، ސިންގަޕޫރުގެ އިންވެސްޓްމެންޓް ކުންފުނި، ފޯމެންޓޯ އެސޯސިއޭޓެޑް ސިންގަޕޫރު ހޯލްޑިންސް ކުންފުނީގެ އަތުން އޭޑީކޭ ޓްރެވަލްސް އިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލައިގަ އެވެ. 2011 ވަނަ އަހަރު އޭޑީކޭ ޓްރެވަލްސްއިން ނެގި އެ ލޯނަށް ނާޝިދު ވަނީ ޕާސަނަލް ގެރެންޓީ ދެއްވާފަ އެވެ.
މި ލޯނުގެ މައްސަލައިގައި ފޯމެންޓޯ ކުންފުނިން، ނާޝިދު އާއި އޭޑީކޭ ޓްރެވަލްސް އަދި އޭޑީކޭ ކޮމްޕެނީއާ ދެކޮޅަށް ދައުވާ ކުރުމުން، ފައިސާ އަނބުރާ ދެއްކުމަށް 2014 ވަނަ އަހަރު ސިންގަޕޫރުގެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން ފޯމެންޓޯ ކުންފުނިން ސިންގަޕޫރުގެ ހައިކޯޓަށް މައްސަލަ ހުށަހެޅީ ދަރަނީގެ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ނެގޭނެ ހަރު މުދަލެއް ނާޝިދުގެ މިލްކިއްޔާތުގައި ހުރިތޯ ބަލައި، އެފަދަ މުދަލެއް ހުރިނަމަ އެ މުދަލެއް ނަގައި ދިނުމަށް އެދި އެވެ.
ދަ ސްޓްރެއިޓްސް ޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ޖުލައި 8 ވަނަ ދުވަހަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވާން ނާޝިދަށް އެންގުމުން ވެސް ހާޒިރުވެވަޑައިގަނެފައިނުވާ ކަމަށެވެ. ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ އަޑުއެހުމަކަށް ހާޒިރުވާން ޖުލައި މަހުގެ ތެރޭގައި އެންގުމުން ވެސް ހާޒިރުވެވަޑައިގަނެފައިނުވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުނީ، މަޖިލިސް ޖަލްސާތަކާއި ސިޔާސީ ބައްދަލުވުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ނާޝިދު މައާފަށް އެދިވަޑައިގެންނެވި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
އެހެން ކަމުން، ނާޝިދުގެ އުޒުރު ގަބޫލުކޮށް މިމަހުގެ 6 ވަނަ ދުވަހަށް ކޯޓުން އަޑުއެހުން ފަސްކުރި އެވެ.
މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ކޯޓުގެ ހުރުމަތުގެ މައްސަލައިގެ އަޑުއެހުމުގައި ނާޝިދުގެ ވަކީލުން އެދިވަޑައިގެންނެވީ ހުރުމަތުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ކުޑަ ޖޫރިމަނާއަކުން މައްސަލަ ނިންމައި ދިނުމަށެވެ. އެހެން ނަމަވެސް، ޖުޑިޝަލް ކޮމިޝަނަރު އޯޑުރޭ ލިމް ނިންމެވީ، ކޯޓުގެ އަމުރާއި ނާޝިދު ޚިލާފުވެވަޑައިގެންނެވީ ގަސްދުގައި ކަމަށެވެ. ކޯޓުގެ ހުރުމަތް ކަނޑާލިކަން ސާބިތުވި ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަކަށް ބެއްލެވުމަށް ފަހު ޖުޑިޝަލް ކޮމިޝަނަރު ނިންމެވީ 12,000 އެމެރިކާ ޑޮލަރު(185،040 ރުފިޔާ)ގެ ޖޫރިމަނާއަކުން މައްސަލަ ނިންމުމަށެވެ.
ފޯމެންޓޯ ކުންފުނިން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ސިންގަޕޫރުގެ ހައިކޯޓުން ވަނީ ނިންމާފަ އެވެ.
ފޯމެންޓޯ ކުންފުނީގެ އަތުން އޭޑީކޭއިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނު ނުދައްކެމުގެ ސަބަބުން، ފާއިތުވީ ހަ އަހަރު ދުވަހުގެ ތެރޭގައި އިތުރުވި އިންޓްރެސްޓާއެކު މިހާރު ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ ދެ މިލިއަން ޑޮލަރަށް ވުރެ އިތުރުވެފަ އެވެ.