ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެންނަން އެނގިވަޑައިގަންނަވާ ވެރިއަކީ ރައީސް ޔާމީންކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އުދުހޭ"ގެ ނަމުގައި އާދިއްތަ ދުވަހުގެރޭ ޕިޕީއެމުން ކުޅުދުއްފުށިގައި ބޭއްވި ޖަލްސާގައި ވާޙަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ހަމައެކަނި ކުޅުދުއްފުއްޓަށް އެކަނިވެސް ކުރިއަށް އޮތްތަނުގައި ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ރޭވިފައިވާކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ހަދާނެ އެންމެ ބޮޑު ބަނދަރު ހެދުމަށް ރައީސް ޔާމީން ވިސްނަވާފައި އޮތީ ކުޅުދުއްފުށީގައި ކަމަށެވެ. އަދި އެ ބަނދަރު އެޅިގެންދާނީ ހިލޭ އެހީގެ ދަށުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންތަނެއްގެ ހިލޭ އެހީ އެއްގެ ދަށުންކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. އަދި އެބަނދަރު އެޅުމުގެ އަމަލީ މަސައްކަތް މިއަންނަ އަހަރުގެ މޭމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގައި އެޅޭ އެންމެ ބޮޑު އަދި އެންމެ ރީތި ބަނދަރު މިރަށުގައި ވަރަށް އަވަހަށް އެޅިގެންދާނެ. މި ބަނދަރުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މޭ މަހުގެ ތެރޭގައި ފެށުމަށް މިވަނީ ހަމަޖެހިފައި. މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެއް. މި ބަނދަރު މި އެޅެނީ ބޭރުގެ ގައުމެއްގެ އެހީތެރިކަމާއި އެކު" މިނިސްޓަރު ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި އެޅިގެންދާ ބަނދަރަކީ އާދައިގެ ބަނދަރެއް ނޫންކަމަށާއި އެބަނދަރުގެ ބޭރު ތޮށްޓާއި އަރިމަތީ ތޮށީގައި އޮޑިދޯނި ފަހަރު އެޅޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ބަނދަރުގެ މަޝްރޫއުގެ ދަށުން މަސްމާރުކޭޓަކާއި ފެރި ޓާރމިނަލް އެއްވެސް ކުޅުދުއްފުށީގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯރޓް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދިޔައިރު ކުޅުދުއްފުށީގެ ރައްޔިތުން އެކަން ވަަރަށް ފުރިހަމަ އަށް ބަލައިގަތްފިކަން އެނގިގެން ހިނގައްޖެކަމަށެވެ.