ރަސްމީކޮށް އިސްތިއުފާ ހުށަހެޅުއްވުމަށްޓަކައި ދުވަސް ކޮޅެއްގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ލުބުނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ ވިދާޅުވެއްޖެއެވެ.
ރިޔާޒްގައި ހުންނަވައި ފިއުޗަރ ޓީވީގައި ހަރީރީ ވާހަކަދައްކަވާފައިވާއިރު މިއީ އިސްތިއުފާ އިއުލާނު ކުރެއްވުމަށް ފަހު އާއްމުންނާ މުޚާތަބު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެމަނިކުފާނުގެ ވަޒީރުން ގެންދަވަނީ ހަރީރީ ސައުދީ އަރަބިއްޔާގައި ހުންނެވީ ބަންދެއްގައި ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ހަރީރީ އެކަން ދޮގުކުރައްވައެވެ.
މި މަހުގެ 4 ވަނަ ދުވަހު، ހަރީރީ އިސްތިއުފާ ދެއްވީ އޭނާގެ ހަށިކޮޅަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެއެވެ.
ސައުދީ އަރަބިއްޔާގައި ހުންނަވައި، ޓީވީ މެދުވެރިކޮށް އިސްތިއުފާ އިޢުލާން ކުރައްވަމުން ސާދް ހަރީރީ ވަނީ، ލުބުނާން ހިމެނޭ ގޮތަށް އެސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ދުރުގައި ތިބެ ހަމަނުޖެހުން އުފެއްދުމަށް ލުބުނާން ބޭނުން ނުކުރުމަށް އިނގިރޭސި ވިލާތާއި އެމެރިކާ އިން ވަނީ އެހެން ގައުމުތަކަށް ގޮވާލާފައެވެ.
ސުންނީ ލީޑަރެއް އަދި ވިޔަފާރިވެރިއެއް ކަމަށްވާ ހަރީރީ ލުބުނާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންފައި ވަނީ ޑިސެމްބަރު، 2016 ގައެވެ. އޭގެ ކުރިން 2009 އިން 2011 އަށް ވެސް ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ.
"އަޅުގަނޑު އިސްތިއުފާ ދީފިން. އަޅުގަނޑު ވަރަށް އަވަހަށް ލުބުނާނަށް ދާނަން. އަދި ގާނޫނު އަސާސީ ބުނާ ގޮތަށް އިސްތިއުފާދޭނަން،" ޓީވީ އިންޓަވިއުގައި ހަރީރީ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިސްތިއުފާ އައީ ލުބުނާނު ހޭލުމަށް ދިން ރަނގަބީލެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.
ހަރީރީ ވަނީ ހިޒްބުﷲއާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް އެ މަނިކުފާނަށް މައްސަލައަކީ ހިޒްބުﷲއިން ގައުމު ސުންނާފަތި ކުރާތީ ކަމަށް ވިދާޅުވެފައެވެ.
ހަރީރީ ވަނީ އިސްތިއުފާ އަނބުރާ ގެންދަވަން ޖެހޭ ނަމަ ހިޒްބުﷲ އިން ވެސް ލުބުނާނުގެ ސިޔާސަތަށް އިހުތިރާމްކޮށް ސަރަހައްދީ ހަމަނުޖެހުންތަކަށް ނުވަދެ ތިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.