ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ މަނިކުފާނުގެ ހަށިކޮޅުގައި ތިން ބޮނޑިއެއް އަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަން ތަޖުރިބާ ކުރައްވަން ޖެހިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަށް އަހަރު ފުރުން ފާހަގަކުރުމަށް "އުދުހޭ ޖަލްސާ" ގެ ނަމުގައި ކުޅުދުއްފުށީގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، 2013ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ ކެންޑިޑޭޓް ނަންބަރަކީ ތިނެއް ކަމަށާއި އެއީ އުފާވެރި އަދި ހިތްދަތިކަން ވެސް ގެނުވި ނަންބަރެއް ކަމަށެވެ.
"އަޅުގަނޑު ހުރި މަގާމުން، ނުވަތަ އަޅުގަނޑު ހުރި ފިޔަވަޅުން ކައްސާލާނެ ތިން ބޮނޑި އަޅުގަނޑު ގައިގައި އަޅައިފި. އަޅުގަނޑަކީ ހަމަ އެކަނި ހުރި ނަފްސެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފުރަތަމަ ބޮނޑިއަކީ އެންމެ ކައިރިން އަޅުގަނޑު މަރާލަން ދިން އުދުވާނީ ހަމަލާ. ދެވަނަ ބޮނޑިއަކީ އަޅުގަނޑުމެންގެ ޕާޓީގެ އެންމެ އިސް ސަފުގައި އުފެދުނު ކޯޅުން. ހައްތަހާވެސް ޕާޓީއަށް ހީނަރުކަން އަންނަ ކަންތައް. ތިން ވަނަ އުދުވާނަކީ އަޅުގަނޑުމެން ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއެކީ ޕާޓީން ހޮވި އެތައް ބައިވަރު މެމްބަރުން ޕާޓީ ދޫކޮށްލާފައި ނުކުމެ ކުރި ބަޣާވާތް. ނަންބަރު ތިނަކާއެކީ ސިޔާސީ ގޮތުން ވަރުގަދަ ތިން އިންތިހާނު އަޅުގަނޑު ތަޖުރިބާކޮށްފިން."
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމްގެ 11 މެމްބަރަކު ސޮއިކުރެއްވުން އެއީ ބަޣާވާތެއް ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އިތުރު މެމްބަރުންތަކެއް އެ މަނިކުފާނު ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ދެންވެސް އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެންގެ މެންބަރުން ކޮޅެއް އަޅުގަނޑާ ވަކިވެގެން ދިޔުން، އެ އިމްތިހާނު ވެސް އަޅުގަނޑު ތަޖުރިބާ ކުރާނެ ކަންނޭނގެ އަދިވެސް. އަދި ...އަނެއްކާވެސް އަޅުގަނޑު ފުރާނައަށް ނުރައްކާވާ ހަމަލާ ދޭނެ ކަންނޭނގެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެންބަރަކު ޕާޓީން ދޫކުރައްވައި ވަޑައިނުގެންނެވޭނެ ކަމަށާއި އެ ކަމަށް ފުރުސަތު ދީގެން ނުތިބެވޭނެ ކަމަށެވެ. އެ މަނިކުފާނު މިހެން ވިދާޅުވިއިރު، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެހެން ޕާޓީތަކުން ގިނަ އަދަދެއްގެ މެމްބަރުން ޕީޕީއެމްއަށް ބަދަލުކޮށްފައިވެ އެވެ.
މިއިން ކޮންމެ ކަމުން ފެނިގެން ދަނީ އަމިއްލަ އެދުން ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މުޅި ރައްޔިތުންގެ މަސްހަލަތަށް ވުރެ ތިމާމެންގެ އަމިއްލަ މަސްލަހަތު އިސް ކުރަންޖެހޭ ކަމަށެވެ. ޕާޓީއަކަށް ވެރިކަން ލިބުމަށް ފަހު މުޅި ޕާޓީ އެއްބައިވާންޖެހޭނީ ވެރިކަން ދެމެހެއްޓުމަށް ކަމަށާއި ޕާޓީގެ ތެރޭގައި ބައިބައި ވުން އުފެއްދުމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް ބިނާވަނީ އިހްލާސްތެރިކަމުގެ މައްޗަށް ކަށާއި ޕީޕީއެމްގެ އެތެރޭގައި އިހްލާސްތެރި ކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އެ މަނިކުފާނު ފާހަގަކުރެއްވީ ޕްރައިމަރީގައި ކާމިޔާބު ނުވެއްޖެ ނަމަ، ނާކާމިޔާބުވި ކެންޑިޑޭޓް އިންތިހާބުގައި ވާދަކުރެއްވުމެވެ. އަދި ރަށްރަށުގައި ޕީޕީއެމްގެ މެމްބަރުން ދެ ޖަމާއަތަކަށް ބެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީއަށް ބަލިކަށިކަން ލިބޭ ކަމަށެވެ.
އާދީއްތަ ދުވަހުގެ ޖަލްސާގައި ކުޅުދުއްފުށިން 200 މެމްބަރުން ޕީޕީއެމްއަށް ގުޅިފައިވާއިރު އެކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "މިއީ އިހްލާސްތެރިކަމާއެކު ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް ވަންޏާ ޕާޓީގެ މަސްލަހަތު އިސްކުރަންޖެހޭ" ކަމަށެވެ.