ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ ދަޅަ ދެއްކެވި ނަމަވެސް، ކުޅުދުއްފުށީގައި މި ސަރުކާރުން އެއާޕޯޓެއް ނާޅާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް 2013 ގެ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެފައިވީ ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ފާއިތުވެގެން ދާއިރު އެކަން ނުކުރައްވާ ހުންނެވިކަން ފާހަގަ ކުރާކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގެ މަޤްޞަދަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މަންޒަރު ކުޅުދުއްފުށީ ރައްޔިތުންނަށް ދައްކައި، ކުޅުދުއްފުށީ ރައްޔިތުންގެ ލޮލުގައި އަނެއްކާވެސް އަނދުން އެޅުވުން ކަމަށް އެމްޑީޕީން ބުންޏެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ގެންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ރައްޔިތުންނާމެދު އެފަދަ ޢަމަލުތައް ހިންގުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
" ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ތަރައްޤީގެ ޕްލޭންތައް އެކުލަވާލަމުން އަބަދުވެސް ގެންދަނީ ރައްޔިތުންގެ ވިންދާއި އިޙްސާސްތައް ދެނެގަނެ، އެރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ޙާޞިލުކުރެވޭނޭ ވިސްނުމުގައެވެ. ވަކިން ޚާއްޞަކޮށް ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެރަށްރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ރިޢާޔަތް ކުރުމަށްފަހުގަ" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީގެ ތަރައްޤީގެ ތަސައްވަރެއް އެމްޑީޕީގެ އެބަ އޮތް ކަމަށާއި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީއަށް ވެފައި، އެޕާޓީގެ ތަރައްޤީގެ ޕްލޭންގައި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އިޤްޠުޞާދީ ނާރެސް ކަމުގައި ވުމުން، ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްޤީ ކުރުމަކީ އެމްޑީޕީން އެކުލަވާލާނޭ ތަރައްޤީގެ ޕްލޭންގެ މައިގަނޑު އެއްބައި ކަމަށް ބަޔާނުގައި ބުނެފައެވެ.
އެޕާޓީގެ އެތަސައްވުރު ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭންގެ ގޮތުގައި ކުރެހިގެންދާނީ ކުޅުއްދުއްފުށީ ރައްޔިތުންގެ އާނބަހާއެކުގައި ކަމަށާއި ކުޅުދުއްފުށީގެ ރައްޔިތުންގެ ވައިގެ ގުޅުން ޤާއިމުކޮށްދޭނީ ކުޅުދުއްފުށީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.