އަންނަ އަހަރު އޯގަސްޓް މަހުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓްގައި ފްލައިޓް ޖައްސަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ހަ ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެރަށުގެ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކަމަށާއި، އެ މަޝްރޫއު އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިންމައި، ޚިދުމަތް ދެވެން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުޅުދުއްފުށީ އެއާޕޯޓް ނިމުމުން އެއާރޕޯޓް ވެގެންދާނީ ތިލަތުންމަތީގެ މައި ގޭޓްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވަނީ ތަރައްޤީކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެރަށުން ދެންނެވި މަރުޙަބާއިން ރައްޔިތުން ތަރައްގީއަށް ބޭނުންވެފައިވާ މިންވަރު އެނގިގެން ހިނގެއްޖެ ކަމަށެވެ. އަދި ތާއަބަތަށް ބޮނބި ފާކުރަން ރައްޔިތުން ބޭނުންނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ބޮނބި ފާކުރަން ރައްޔިތުން ބޭނުންނުވާ ކަމަށް ވިދާޅުވީ ކުޅިދުއްފުށީ ބައެއް ރައްޔިތުން، އެރަށު ކުޅީގައި ބޮނބި ފާކޮށްގެން، ރޯނު ވެށުމުގެ މަސައްކަތް ކުރަމުންދާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން އިފްތިތާހްކޮށްދެއްވީ އާދީއްތަ ދުވަހު ހަވީރުއެވެ. ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން، އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަން މަރުޙަބާ ދަންނަވާފައެވެ.
މީގެ ހަތަރު އަހަރުކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޔާމީން ވިދާޅުވި އެއާޕޯޓް އެޅުން ލަސްވެގެން ދިއުމުން ކުޅުދުއްފުށީ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ވަނީ ބޮޑުވެފަ އެވެ.