ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަކީ ކުޅުދުއްފުށީގެ ތަރައްޤީއަށް އޮތް ހުރަހެއް ނޫންކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހު ކުރުމަށް، އާދީއްތަ ދުވަހު ބޭއްވި ރަސްމިޔާތުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ބޭފުޅުން އެ ރަސްމިއްޔާތުގައި ތިއްބެވީ ރީނދޫ ކުލައިގެ ޓައީ އަޅުއްވައިގެންނެވެ. ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ ޖަލްސާއަކުން މިއީ މަދުން ނޫނީ ނުފެންނަ މަންޒަރަކެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ، ކުޅުދުއްފުށީ ކައުންސިލަކީ އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ކައުންސިލަކަށްވާއިރު، އެ ކައުންސިލްގައި ތިއްބެވީ އިސްލާހީ މަސައްކަތަށް ތާއިދުކުރައްވާ، ހޮޔޮވެރިކަމެއް ގެނެއުމަށް މަސައްކަތް ކުރައްވާ މެމްބަރުންތަކެއް ކަމަށެވެ. ކައުންސިލްގެ މެމްބަރުން އިންތިހާބުވި ޕާޓީއަށް ތާއީދުކުރުމަކީ ރަށުގެ ތަރައްޤީއަށް އެޅޭ ހުރަހެން ނޫންކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ކުޅުދުއްފުށީގެ 90 ޕަސެންޓް ރައްޔިތުން ތާއިދުކުރަނީ އެރަށުގެ ކުޅި ހިއްކާއިގެން އެއަރޕޯޓް އެޅުމަށް ކަމަށްވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ސަރުކާރަށް ކުޅުދުއްފުށީ ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. ކައުންސިލްގެ މެމްބަރުން އެއަރޕޯޓް އެޅުމަށް ކުޅި ހިއްކުމަށް ބާރުލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން، ކައުންސިލްގެ މެމްބަރުން ވެރިކަން ކުރާ ޕާޓީއަށް ވިކިފައި ތިބި ކަމަށް ބުނެ އާންމުންގެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކިކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މުޅިން ދޮގު ވާހަކަތަކެއް ކަން މިއަދުގެ ރަސްމިޔާތުން ހާމަވެފައިވާ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
މި ކަމާއި ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫޢު ފެށުމުގެ ޖަލްސާއަށް ކުޅުދުއްފުށީ ކައުންސިލްގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން ހާޒިރުވެވަޑައިގަތްކަމީ ޕާޓީއަށްވުރެ ރަށުގެ ތަރައްގީ މުހިންމުކަން އަންގައިދޭ އަލިގަދަ ދަލީލެއް ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގައި ޖުމްލަ ފަސް ކައުންސިލަރުން ތިއްބަވާއިރު، އާދީއްތަ ދުވަހުގެ ރަސްމިއްޔާތަށް ކައުންސިލްގައި ހިމެނޭ ފިރިހެން ހަތަރު ކައުންސިލަރުން ވަޑައިގެންނެވީ ރީނދޫ ޓައީ އަޅުއްވައިގެންނެވެ. އަދި ކުޅުދުއްފުށީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަންހެން ކައުންސިލަރ ރީނދު ބުރުގާ އަޅުއްވައިގެން މި ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު، ހއ އަތޮޅު ކައުންސިލްގެ ހަތަރު މެމްބަރުންވެސް ރަސްމިއްޔަތަށް ވަޑައިގަތީ ރީނދޫ ޓައީ އަޅުއްވައިގެންނެވެ.