އާބާދީ ކުޑަ ނަމަވެސް ކޮންމެ ރަށެއްގައި ވެސް ރަނގަޅު ފެންވަރެއްގެ ސިއްހީ ޚިދުމަތް ލިބެންޖެހެއެވެ. މިއަދު ބައެއް ރަށްތަކުގެ ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނުލިބިއެވެ. އާބީދާގައި ގާތްގަނޑަށް 1000 މީހުން ދިރިއުޅެމުން އަންނަ އުކުޅަހުގެ ސިއްހީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަންޖެހެއެވެ. މިއީ އެރަށުގެ ރައްޔިތުން ދެކެން ބޭނުންވާ ދުވަހެކެވެ.
ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އުކުޅަހު ކައުންސިލްގެ ރައީސް ސައުކަތު އިބްރާހިމް ވިދާޅުވީ އުކުޅަހުގެ އާބާދީ މަދު ނަމަވެސް ވިޔަފާރީގެ ބޭނުންތަކުގައި އެރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ގިނަ ކަމަށެވެ. ނަމަވެސް، އެރަށުގެ ސިއްހީ މަރުކަޒުގެ ވޯޑުގައި އެއްފަހަރާއި އެޑްމިޓްކޮށް ފަރުވާ ދެވެނީ ހަތަރު މީހުންނަން ކަމަށްވާތީ ކަންބޮޑުވާ ކަމަށް ސައުކަތު ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށުގައި އުޅޭއިރު، ރޯގާއެއް ނުވަތަ ގައިންގަޔަން އަރާ ބައްޔެއް ފެތުރިއްޖެނަމަ އެރަށު ސިއްހީ މަރުކަޒުން ޚިދުމަތް ނުދެވޭކަމަށް ވެސް ސައުކަތު ވިދާޅުވިއެވެ.
"މި ރަށުގެ މަރުކަޒުގައި މި ހުންނަނީ އެންމެ ހަތަރު އެނދު، ހަތަރު އެނދު ހުންނަ އިރު ރަށުގައި ފުލޫއެއް، ނުވަތަ އެއްވެސް ކަހަލަ ބައްޔެއް ފެތުރިގެންދާ ދަނޑިވަޅެންގައި ވަރަށް ބޮޑަށް އެބަ އުނދަގޫވޭ އެކަމަޑޭޓް ކުރަން، ރަށުގެ އެއް ޕަސެންޓް މީހުންނަން ވެސް ސިއްހީ މަރުކަޒުން ފަރުވާއެއް ނުދެވޭ،" ސައުކަތު ވިދާޅުވިއެވެ.
އުކުޅަހު ސިއްހީ މަރުކަޒުގައި ޖުމްލަ 16 މުވައްޒިފުން ތިބޭއިރު، ބަލި މީހުންނަން ފަރުވާ ދިނުމަށް ތިބެނީ ތިން ނަރުހުންނާއި އާންމު ބަލިތަކުގެ އެންމެ ޑޮކްޓަރެކެވެ.
އުކުޅަހު ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިޝަލް އަދި މިހާރު އެ މަރުކަޒުގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތްކުރާ އަޒުރާ އާމިރު ވިދާޅުވީ ބައެއް ހާލަތްތަކުގައި ވޯޑުގެ ދަތިކަން ކުރިމަތިވާ ކަމަށެވެ. މަރުކަޒުގެ ވޯޑުގައި އެއްފަހަރާއި އެޑްމިޓްކޮށް ފަރުވާ ދެވެނީ ހަތަރު މީހުންނަން ކަމަށް ވާއިރު، ވޯޑް ފުލްވެއްޖެނަމަ ، ލޭބަރ ރޫމްގައި ގޮދަޑި އަޅައިގެން ފަރުވާދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޯޑަށް ކޭޓާރ ނުކުރެވޭވަރަށް މީހުން އައިސްފިއްޔާ، ދެން ބޭނުންކުރަނީ ހުންނަ އެހެން ދިމާތައް، ތަންކޮޅެއް ކުރިން ގޮދަޑި އަޅައިގެން ފަރުވާދޭން ޖެހުނު، އާންމުގޮތެއްގައި ހަތަރު ބެޑު ހުންނާނީ، ރޯގާއެއް ނޫޅެއްޔާއި އަޅުގަނޑުމެންނަން ބޭނުންކުރެވޭ، އެކަމު ރޯގާއެއް އުޅޭނަމަ މި ބުނިހެން ގޮދަޑި އަޅައިގެން އެހެންނޫނީ އެހެން ދިމާލަކުން އެނދު ހޯދައިގެން މެނޭޖްކުރަންޖެހޭނީ،" އަސްރާ ވިދާޅުވިއެވެ.
އުކުޅަހު ކައުންސިލުން ބުނީ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރާއެކު 2016 ވަނަ އަހަރުން ފެށިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ މަރުކަޒުގައި މިހާރު ބޭނުންކުރަނީ ވަރަށް ދުވަސްވީ ތަކެތި ކަމަށާއި މިހާރު ހުރި ވަސީލަތްތަކުންގެ މައުލޫމާތު ސަރުކާރު މިނިސްޓްރީތަކަށް ތަކުރާރުކޮށް ދަންނަވާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެއެވެ.
"މަރުކަޒުގައި މިހާރު ބޭނުންކުރެވޭ ސާމަނަކީ ވެސް ވަރަށް ދުވަސްވެފައި ހުރި ސާމާނު، ހަގީގަތުގައި ރަނގަޅު ބެޑާއި، އައިވީ ފުލުއިޑްފަދަ ތަކެތި އެލުވާނެ ސާމާނުވެސް ނެތިފައި މިތިބީ، އެހެންވީމަ މަރުކަޒުގެ ޖާގަ އިތުރުކޮށް ފެންވަރު ރަނގަޅުކުރަންޖެހިފައި މި އޮތީ، ސަރުކާރާއި ގުޅިގެން މިކަން ހައްލުކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރެވެމުން އެބަދޭ، އެހެންނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތުން އަދި މާބޮޑު ނަތީޖާއެއް ހަމަ ނުކުމެފައި ނުވާކަން ފާހަގަކޮށްލެވޭ" އުކުޅަހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އއ. އަތޮޅު ހޮސްޕިޓަލުން ކޮންމެ މަހަކު އެއްފަހަރު ހާއްސަ ބަލިތަކުގެ ޑޮކްޓަރުން އުކުޅަހު ސިއްހީ މަރުކަޒަށް ގޮސް ދަނީ ފަރުވާ ދެމުނެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންފަދަ ޑޮކްޓަރުން ގޮސް ފަރުވާދެމުން އަންނަ އިރު އެކަން ރަށުގެ ރައްޔިތުންނަން ހަފްތާއެއް ކުރިން ސިއްހީ މަރުކަޒުން އަންގައެވެ.
ރަށުގެ ރައްޔިތުން ބުނީ އެންމެ ބޮޑު ދަތިކަމަކަށް ދިމާވަނީ އަންހެނުން ވިހެއުމަށް މާލެ އަށް ދާންޖެހުމެވެ. މާލޭގައި ގޮސް ތިބެންޖެހުމަކީ ބޮޑު ހަރަދެއްދާ ކަމެއްކަން ރައްޔިތުން ފާހަގަކުރެއެވެ.
" އަޅުގަނޑުމެންގެ ފޫޅުމައެއް މި ކޮޅުގައި ހުންނާނެ، އެމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ޑެލިވާރ ކުރާނެ ، އާންމުކޮށް ރިފަރ ކުރާނީ އަތޮޅު ހޮސްޕިޓަލަށާއި، މާލެ އަށް" އުކުޅަހު ސިއްހީ މަރުކަޒުގެ އިންޗާޖް އަޒުރާ ވިދާޅުވިއެވެ.
އުކުޅަހު ރައްޔިތުން އެދެނީ އެރަށުގެ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބުމެވެ. ސިއްހީ ޙިދުމަތުގެ ފެންވަރު ރަނގަޅުވެ، ސިއްހީ މަރުކަޒުގެ ނަން ބޯޑް ރީޖަނަލް ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުމެއެވެ.