މި ސަރުކާރުން މަސްވެރިންގެ ދަތިތައް ފިލުވާ ނުދޭ ކަށާއި މަސްވެރިން ބާނާ މަސް ކިރުވުމުގައި ދަތިތަކެއް އެބަހުރި ކަމަށް ސަރުކާރާ އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން އާދިއްޔަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީގެ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މަސްވެރިންނާމެދު މި ސަރުކާރުން ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށެވެ.
މިފްކޯއަށް ބޮޑެތި ލޯނުތައް ނަގަމުންދިޔަ ނަމަވެސް މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިން ބާނާ މަސް ގަނުމުގައި މިފްކޯ އިން ގެންގުޅޭ ޕޮލިސީ ބަދަލު ކުރަން ޖެހ ކަމަށް އޭނާ ވިދާޅުވި އެވެ.
" މިފްކޯއިން މަސްވެރިކަމުގެ އިންޑަސްޓްރީ ބިނާކުރައްވަން ބޭނުންވާނަމަ، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި މަސައްކަތްކުރައްވާނަމަ މިފްކޯއަށް މަސްވެރިން ބާނާ މަސްކިރެންވާނެ. އެ ނުކިރި މަސްވެރިން ބާނާ މަސް ރަށަށް ގެންނާން ޖެހުމަކީ އެއީ ކުންފުންޏެއްގެ ހައިސިއްޔަތުން ވިޔަފާރީގެ އުސޫލުން ބެލިޔަސް ވިޔަފާރި އުފައްދަން ބޭނުންވާ ފަރާތްތަތަކުން އެ ވިޔަފާރި އުފައްދަން ބޭނުންވާ ޕްރޮޑެކްޓް ބޭނުންނުވާކަން މި އިނގެނީ،" ސައުދު ވިދާޅުވި އެވެ.
އަދި އެހެންމެ މަސްވެރިންނަށް ވެފައިވާ ރިޔާސީ ވައުދުތައް މި ސަރުކާރުން ނުފުއްދަވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަސްވެރިނަށް ހުރި ދަތިތައް ފިލުވައި ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާއިރު އެއްވެސް ކަމެއް ކުރައްވާފައިވޭތޯ ސައުދު ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ހަމަ ގައިމުވެސް ޕީޕީއެމްގެ މެނިފެސްޓޯގައި އޮންނާނެ ބެޔަސް ނުބެޔަސް ސްކީމެއް ގާއިމުކޮށްގެން މަސްވެރިންނަށް ދިހަ ހާސް ރުފިޔާ ލިބޭނެ ކަމާއި ބަނާ މަސްކޮޅު ކިރޭނެ ވަސީލަތްތައް ގާއިމުކުރައްވާނެ ވާހަކަ އާއި މަސްވެރިންނަށް އިންޝިއުރެންސް ޕެކޭޖް ގާއިމު ކުރައްވާނެ ކަމާއި ޒުވާން ކެޔޮޅުންނާއި އޮޑިވެރިން އުފައްދަވާނެ ކަމާއި އަދި މަސްވެރިކަމުގެ ފްލީޓް 15000 އަށް ބޮޑު ކުރާނެ ކަމާއި މި ހުރިހާ ވައުދުތަކާ އެކީ މަސްވެރިން ވޯޓުދިނީ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ކުރިން މަސްވެރިނަށްވީ ވައުދު ފުއްދުމަށް ސައުދު ވަނީ ގޮވާލައްވާފަ އެވެ.