ކުޅުދުއްފުށީ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީން އާއި އެކު ތަރައްޤީގެ ފިކުރުގައި ކަމަށާއި އެރަށުގައި އިތުރު ފިކުރެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އެއާރޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވަނީ ކުޅި ހިއްކައިގެން އެރަށުގައި އެއާރޕޯޓް އެޅުމަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކުޅުދުއްފުށީ ރައްޔިތުން ކުޅި ހިއްކުމާއި ދެކޮޅުކަމަށް ބުނެ ދެއްކި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން މިއަދު ހާމަވެގެން ހިނގަންޖެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަން ދެންނެވި މަރުޙަބާ އަކީ ދިވެހި ރާއްޖޭގެ ރަށަކުން އެންމެ ފުރިހަމައަށް އެމަނިކުފާނަން ދެންނެވި މަރުޙަބާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެކަމުން ކުޅުދުއްފުށީގެ ރައްޔިތުން ރައީސް ޔާމީނާއެކު ތިބިކަން ހާމަވެއްޖެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން، އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަން މަރުޙަބާ ދަންނަވާފައެވެ. އެރަށު ބަނދަރު މަތީގައި ފިޔާތޮށި ކުލައިގެ ފޮތީގައި ރައީސް ޔާމީންނަން ތާއިދުކޮށް ވަނީ ބެނާ ދަމާފައެވެ. އެރަށުން އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލުމަށް ބަޔަކު ނުކުމުފައެއް ނުވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ އެރަށުގެ ރައްޔިތުން ބޭނުންވަނީ އެ ޕްރޮޖެކްޓަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރަން ކަމަށެވެ. އަދި ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ބޭނުންވަނީ ކުޅި ހިއްކައިގެން އެއާރޕޯޓް އެޅުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.